އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ އައްޔަން ކުރަމަށް އުއްތަމަ ފަނޑިޔާރަށް ލިބިފައިވާ ބާރާއި، އެހެން ކޯޓުތަކަށް ރެޖިސްޓްރާ އައްޔަންކުރަން އެ ކޯޓުތަކުުގެ އިސް ފަނޑިޔާރުންނަށް ލިބިފައިވާ ބާރު، އެ ފަނޑިޔާރުންގެ އަތުން ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝާރީ ކޮމިޓީން މިއަދު ފާސް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު އެގޮތަށް ނިންމީ، އެކޮމިޓީން ދިރާސާކުރަމުން އަންނަ "ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު"ން އެ ބާރުތައް ޖުޑިޝަލް އެޑް މިނިސްޓްރޭޝަނަށް ދޭން ނިންމައި، ކޯޓުތަކުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ)، 49 ވަނަ މާއްދާގެ (ށ) އަދި 59 ވަނަ މާއްދާގެ (ށ) އުވާލަން ފާސް ކޮށްގެންނެވެ.
ކޯޓުތަކުގެ ގާނޫނުގެ އެ ހުރިހާ މާއްދާތަކަކީ، އުއްތަމަ ފަނޑީޔާރާއި، އެހެންކޯޓުތަކުގެ އިސް ފަނޑިޔާރުންނަށް ރެޖިސްޓްރާ އައްޔަންކުރަން ދީފައިވާ ބާރުތައް ހިމެނޭ މާއްދާތަކެވެ.
ކޯޓުތަކާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައި ބުނެފަިއވަނީ ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ އައްޔަން ކުރާނީ ސުޕްރީމް ކޯޓުގެ އެހެނިހެން ފަނޑިޔާރުންގެ މަޝްވަރާއާއެކު އުއްތަމަ ފަނޑިޔާރެވެ. 49 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ހައިކޯޓުގެ ރެޖިސްޓްރާ އައްޔަން ކުރާނީ ހައިކޯޓުގެ ފަނޑިޔާރުންގެ ލަފާގެ މަތިން ހައިކޯޓުގެ އިސް ފަނޑިޔާރެވެ. އަދި 59 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ސުޕީރިއާ ކޯޓުތަކުގެ ރަޖިސްޓްރާ އައްޔަން ކުރާނީ އެ ކޯޓެއްގެ ގާޒީންގެ ލަފަޔާއެކު އެ ކޯޓުގެ އިސް ގާސީއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ފުށުއަރާތީ، ކޯޓުތަކުގެ އިދާރީ މުވައްޒިފުން ހިމެނޭ އެ ގާނޫނުގެ 93 ވަނަ މާއްދާ، އުވާލަންވެސް ވަނީ ފާސްކޮށްފައެވެ.
ކޯޓުތަކާބެހޭ ގާނޫނުގެ 93 ވަނަ މާއްދާގައި ބުނެފައިވަނީ، ކޯޓުތަކުގެ ރަޖިސްޓްރާއިން ފިޔަވައި ކޯޓުތަކާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝާލް އެޑްމިނިސްޓްރޭޝަންގެ އެންމެހައި މުވައްޒިފުންނަށް ވަޒީފާދީ، ވަޒީފާއިން ވަކިކޮށް، މަގާމުގެ ކުރިއެރުންދީ، މުވައްޒިފުންނާބެހޭ އެންމެެހައި ކަންކަން މި ގާނޫނުގައިވާގޮތުގެ މަތިން ބަލަހްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭށަނުން ކަމަށެވެ.
މި މާއްދާ އުވާލުމަށްފަހު، މިބާރު ބާރުތައް ޑީޖޭއޭއަށް ދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ގެންނަ އިސްލާހުގައި ހިމަނަން ކޮމިޓީން ވަނީ ނިންމައިފައެވެ.