މުހައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ އެހީގައި ހިންގާ ފީލްޑް އޮފިސަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމަށް، ބައިވެރިން އިންޑިޔާއަށް ފުރައިފިއެވެ.
ދަނޑުވެރިކަމުގެ މައުލޫމާތު ވީހާވެސް ކައިރިން ދަނޑުވެރިންނަށް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށްޓަކައި ކަމުގެ ފަންނީ މީހުން ބިނާކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީން ހިންގަމުން ގެންދާ ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން އެކި ރަށްރަށުގައި ގާއިމްވެ ތިބޭނެ ފީލްޑް އޮފިސަރުން ތަމްރީން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެ ފުރަތަމަ ޕްރޮގްރާމް މިމަހުގެ 29 ގައި އިންޑިޔާގެ ޓަމިލްނާޑޫ އެގްރިކަލްޗަރ ޔުނިވާސިޓީގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިޕްރޮގްރާމްގެ ބައިވެރިންނާ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު މިއަދު ވަނީ ބައްދަލު ކުރައްވަިފައެވެ.
ބައިވެރިންނާ މުހާތަބުކުރައްވައި މިނިސްޓަރ ވިދާޅުވީ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ޕްރޮގްރާމުން ލިބުނު މައުލޫމާތާއި ހުނަރުގެ ބޭނުން ހިފައިގެން، ދަނޑުވެރިންނަށް ޚިދުމަތް ކުރުމުގައި ނަމޫނާ ދައްކައިދީ ދަނޑުވެރިކަމުގެ ސިނާއަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން މިފަދަ ޕްރޮގްރާމްތައް ހިންގުމުގައި ޕްރައިވެޓް ސެކްޓާއިން ހާއްސަކޮށް މި ޕްރޮގްރާމްގެ ސްޕޮންސަރ މުހައްމަދު އުމަރު މަނިކު ފައުންޑޭޝަންއިން ދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް އެފަރާތަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ޕްރޮގްރާމްގެ ބައިވެރިންގެ ދަތުރުފަތުރާއި ހުރުމާއި ކެއުން އަދި ޔުނިވާސިޓީއަށް ކުރަންޖެހޭ އެންމެހާ ހަރަދުތައް ކޮށްދެއްވަމުން ގެންދަވަނީ މުހައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ ފަރާތުންނެވެ.