ސިޓީ ކައުންސިލުގެ ބައެއް މަސައްކަތްތައް އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްގެން ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް، އެކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ އެހެން ވިދާޅުވީ، ރޭ މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޝިފާ ވިދާޅުވީ، ޕާކުތައް ބެލެހެއްޓުން ފަދަ މަސައްކަތްތައް އައުޓްސޯސްކޮށްގެން ކުރުމަކީ އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ކަމެއް ކަމަށެވެ.
" އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ޕާކުތައް ބެލެހެއްޓުން، ފިހާރަތަކުގެ ކައިރި ބެލެހެއްޓުން، އަވަށްތައް ނުވަތަ ހިސާބުތައް ބެލެހެއްޓުން، ބައެއް ފަހަރަށް އަމިއްލަ ފަރާތްތަކަށް ކޮންޓްރެކްޓްގެ ގޮތުގައި ދިނީމައިކަން ރައްޔިތުންގެ އަތަށްވެސް ފައިސާ އަރާނީ" މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ، ހުރިހާ ކަމެއް ދައުލަތުގެ ކުންފުނިތަކުން ހިފަހައްޓައިގެން ކުރުމަކީ ރައްޔިތުންގެ ތެރެއިން ބަޔަކު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.
"މިސާލެއްގެ ގޮތުން މުޅި މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަކީ ކުރީގައި ހަމަ ދިވެހިން ކޮށް އުޅުނު މަސައްކަތެއް. ހަމަ ރީތިވެސްމެ މަސައްކަތްތައް. ފަރުވާކުޑައެއްވެސް ނުކުރޭ" ޝިފާ ވިދާޅޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކައުންސިލުތަކަށް މާލީ އެހީތެރިކަން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެ އެހީތެރިކަން ލިބުމުން އަވަށު އޮފީސްތައް ހަދައި، އެތަންތަން ހިންގަން މީހުން ބައިތިއްބާނެ ކަމަށެވެ. އަދި މިހާރު ސިޓީ ކައުންސިލް ހިންގަނީ، ދައުލަތުގެ ވުޒާރާތައް ހިންގާ އުސޫލުން، ދައުލަތުން ދޭ ބަޖެޓަކުން އެކަނި ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.