ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުން ލިބޭނެ ފަދަ ކަންކަން ނުކުރުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އެޖެންސީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބައެއް ރަށްތަކުގައި ފެން ފޯރު ކޮށްދޭ ރަސްމީ ނިޒާމުތަކުން ދޫކުރާ ފެނާއި އެހެނިހެން ފެން ގުޅޭނެހެން ކްރޮސް-ކަނެކްޝަން ހަދަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ފެނުގެ ނިޒާމުގައި ކްރޮސް-ކަނެކްޝަން ހެދުމަކީ ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެން ތަޣައްޔަރުވުމުގެ ފުރުސަތު ބޮޑު ކަމެއްކަން އީޕީއޭގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ފެން ބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދުމަށް މޭންހޯލްގެ މަތިގަނޑު ނެގުމާއި، ގޭގޭގައި، ނުވަތަ އެހެން ތަންތަނުގައި ނަޖިސް ހިންދާ ވަޅުގަނޑު ބެހެއްޓުމާއި، ގޭގެ ގޯތިތެރޭގައި ކެޗްޕިޓްގެ އިތުރުން، އިތުރު ނަރުދަމާ ޖަންކްޝަނެއް ބަހައްޓާފައި ހުރުމަކީވެސް ފާހަގަ ކުރެވޭ މައްސަލަތައް ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
އީޕީއޭ އިން ބުނީ މިފަދަ އަމަލުތަކުގެ ސަބަބުން ފެނާއި ނަރުދަމާ ނިޒާމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހިންގާ ބެލެހެއްޓުމަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން ބިމުގެ ފެނަށް ނަޖިހުގެ އަސަރުކޮށް ބިމުގެ ފެން ތަޣައްޔަރުވާ ކަމަށެވެ.
އަދި މިއީ އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނާ ވެސް ހިލާފު ކަންތައްތަކަށް ވާތީ، މިފަދަ އެއްވެސް އަމަލެއް ނުކުރުމަށް އެ އެޖެންސީއިން ވަނީ އިލްތިމާސްކޮށްފައެވެ.