މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ގުޅިގެން، މަޖީދިއްޔާ، ދަރުމަވަންތަ އަދި ހިރިޔާ ސްކޫލުގެ ދަރިވަރުންނަށް ހިންގާ ޓްރެފިކް މޮނިޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.
ޖުލައި މަހުގެ 21 ވަނަ ދުވަހުފެށި މި ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެ ޤާނޫނުން ބާރު ލިބިގެން ހެދިފައިވާ ޤަވާއިދުތަކާ ބެހޭގޮތުންނާއި އެ ޤާނޫނަށް އަލަށް ގެނެވުނު އިސްލާހްތަކާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތަކާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ޓްރެފިކް ކޮންޓްރޯލްކޮށް، މެނޭޖް ކުރުމާއި، ދަރިވަރުން މަގުމަތީގައި ހަރާކާތްރިވާއިރު އަމަލުތައް ބަހައްޓަންވީގޮތް ކިޔައިދިނުމުގެ އިތުރުން އާއްމުންނާ މުއާމަލާތު ކުރުމުގައި ކެތްތެރިކަމާއެކު ރިވެތި ބަހުން މުއާމަލާތު ކުރުމަށް ނަސޭހަތްތެރިވެ، ޓްރެފިކް މޮނިޓަރުންގެ މަސައްކަތްތައް ބައްޓަން ކުރަންވީ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
އޭގެ އިތުރުން، މަޢުލޫމާތު ދިނުމުގެ ސެޝަންތަކަށްފަހު ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ދިނުމުގެ ގޮތުން ފުލުހުންނާއެކު މަގުމަތަކުގައި ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މިޕްރޮގްރާމްގައި ތިން ސްކޫލުން ޖުމުލަ 104 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމްގައި މަޢުލޫމާތު ދޭނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންނެވެ.