ޚަބަރު

ލުތުފީއަށް މާފު ކުރެވެން ނެތީ ކީއްވެގެންކަން ޔޫސޭ ބުނެދީފި

ފަތޯނާ ފާއިޒު

ނަވާރަސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާ ވަަރަށް ގާތުން ތަޖުރިބާކުރި މީހުން މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވެ.

އެމީހުންގެ ހިތްތަކުން، އެ ބިރުވެރި، އަދި ފަހުގެ ތާރީހެއްގައި ދިވެހިންނާއި ކުރިމަތިލާން ޖެހުނު އެ ކަޅު ދުވަހުގެ ހަނދާންތައް އިއްޔެ ވީ ކަމެއްހެން ބިންވަޅު ނެގިފައި އެބަހުއްޓެވެ.

ބަޑި ބުރާސްފަތިގެ ގޮތުގައި ދިވެހިންނަށް އެނގޭ ނޮވެމްބަރު3ގެ ބިރުވެރިކަން އެންމެ ގާތުން ތަޖުރިބާ ކުރި އެކަކީ މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއު، ގިނަ މީހުންނަށް އެނގޭ ނަމުން ނަަމަ ޔޫސޭއެވެ.

ކުލީ ސިފައިން ރާއްޖެއަށް އައިސް ދިން ހަމަލާގައި ޝަހީދުވި 19 ދިވެހިންގެ ހަނދާނުގައި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސަލްސާ ރޯޔަލްގައި ރޭ ބޭއްވި ޖަލްސާގައި ޔޫސޭ ވަނީ އެދުވަހުގެ ހަނދާންތައް އާކޮށްފައެވެ.

އަސަރާއެކު ވާހަކަ ދައްކަމުން އޭނާ ވަނީ، ނޮވެމްބަރު 3ގެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ، ނުވަތަ އެންމެން ދަންނަ ނަމުން ނަމަ، ބާޣީ ލުތުފީއަށް މާފު ކުރެވެން ނެތީ ކީއްވެކަން ބުނެދީފައެވެ.

"ކީއްވެގެންތޯ 19 ޝަހީދުންނޭ ބުނަނީ؟ ގައުމެއް ހިފަން ވެގެން އައިސް، ގައުމެއް ސުންނާފަތި ކޮށްލަން، އެތައް ބައިވަރު ގްރެނޭޑްތަކެއް އުކައި، ﷲގެ ރަހްމަތުން އެކަތިވެސް ނުގޮވާ، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ފުރާނަ ގޮސް އެމީހުން ބޭނުންވި ގޮތަށް ކަންތައްތަކެއް ވި ނަމަ، ކިތައް މީހުންގެ ފުރާނަތޯ ދާނީ؟ އެހެންވީމަ އަޅުގަނޑުމެން 19 އެކޭ ނޫން ބުނަންވީ އަޅުގަނޑުމެންގެ މުޅި ގައުމު ދުއްވާލަން ވެގެން ލުތުފީ އުޅުނީ." ޔޫސޭ ބުންޏެވެ.

ޔޫސޭ ބުނީ 2010 ވަނަ އަހަރުގައި ލުތުފީ ބޭސް ފަރުވާ ކުރަން ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅެނިކޮށް އޭނާއާ ދިމާވި ކަމަށާއި، ލުތުފީ އޭނާގެ ފޯނު ނަންބަރު ދީ، އެގެއަށް ދިއުމަށްވެސް ދައުވަތު ދިން ކަމަށެވެ.

އެހެންނަމަވެސް އޭނާއާ ބައްދަލު ކުރަން މަސައްކަތް ނުކޮށް، އޭނާ ފެނުނު ވާހަކަ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރާ ހިއްސާ ކޮށްފައިވާނެ ކަމަށްވެސް ޔޫސޭ ބުންޏެވެ. ޔޫސޭ ބުނީ ލުތުފީ ފެނުމުން އޭނާ ވަަރަށް ބިރުވެސް ގަތް ކަމަށެވެ.

"ލުތުފީއޭ ބުނީމަ ބިރުގަންނާނެއެއްނު ބޮޑު ޓެރަރިސްޓަކު ވިއްޔާ ހުރީ ކައިރީގައި." ލުތުފީއާ ދިމާވި ދުވަސް ހަނދާން ކުރަމުން ޔޫސޭ ބުންޏެވެ.

ޔޫސޭބުނީ ނޮވެމްބަރު 3ގައި ލުތުފީގެ ޖީންސެއް ކަމަށް ބެލެވޭ ޖީންސެއް ޔޫސޭއަށް ފެނިގެން އެ ނަގާ ފޮރުވާފައިވާނެ ކަމަށެވެ.

"ހަނދާނަކަށް ފޮރުވާފައި އޮންނާނެ އެޖީންސް އަދިވެސް އަޅުގަނޑު އަތުގައި. ލުތުފީއާ ދިމާވެއްޖެއްޔާ ދޭނަން. ޔޫސޭ ބުންޏެވެ.

ޔޫސޭ ބުނީ ނޮވެމްބަރު 3ގެ ހާދިސާ ތަކުރާރު ވިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އޭނާގެ ވާހަކަ ނިންމާލަމުން އޭނާ ވަނީ ދިވެހި ގައުމު ހާއިނުންގެ ކިބައިން ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކޮށްފައެވެ.

ނޮވެމްބަރު 3ގައި ދުޝްމަނުން ދިން ހަމަލާތަކާއި ގުޅިގެން ޒަހަމްވި މީހުންނަށް އެހީވުމަށް ޔޫސޭ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެކަމުގެ އަގުވަޒަންކޮށް، އޭރުގެ ސަރުކާރުން ޔޫސޭއަށް ހިތްވަރު ދިނުމުގެ އައްޑަނަވެސް އަރުވާފައިވެއެވެ.