1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ކުލީ ސިފައިން އަރައި ހަމަލާ ދިނުމުން، ދިވެހި ސިފައިން ފިލީ ކަމަށް ބުނާ ފަރާތްތަކަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
"19 ޝަހީދުންގެ ހަނދާން ނުނެތޭ" މިނަމުގައި މިރޭ ސަލްސާ ރޯޔަލްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، ކުލީ ސިފައިންގެ ބަޔަކު ނޮވެމްބަރު ތިނެއްގައި ރާއްޖެ އެރުމުން ދިވެހި ސިފައިން ފިލި ކަމަށް ސަރުކާރުގެ ވަޒީރަކަށް މިހާރު ހުންނެވި ބޭފުޅަކު ވިދާޅުވި ކަމަށާއި އެއީ ހަގީގަތެއް ނޫން ކަމަށެވެ.
އުމަރު ވިދާޅުވީ، ދިވެހި ސިފައިން އެދުވަހު ފިލިނަމަ، މިގައުމުގެ މިނިވަންކަން ގެއްލުނީސް ކަމަށެވެ. އަދި އެދުވަހު ރާއްޖެ ސަލާމަތް ކުރީ އިންޑިއާއިން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށާއި އިންޑިއާ ސިފައިން ރާއްޖެ އައިއިރު، ހަނގުރާމަ ނިމުނުތާ ދެގަޑިއިރު ވެފައިވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"ދިވެހި ސިފައިން ފިލީއޭ ނުދަންނަވާށޭ. ކޮންފަދަ ބޮޑު ޤުރުބާނީއެއްތޯ އެދުވަހު އެވީ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޝަހީދު ހުސެއިން އާދަމަށްވެސް، އެދުވަހު ފިލަން ފުރުސަތު ލިބުނު ކަމަށާއި، އެހެންނަމަވެސް އޭނާ ބޭނުންވީ ދުޝްމަނުންނާއި ކުރިމަތިލާން ކަމަށެވެ.
ނޮވެމްބަރު 3ގެ ހަމަލާ ދިންއިރު ދިވެހި ސިފައިން ނިދާފައި ތިބި ކަމަށް ބުނާ ފަރާތްތަކަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވީ، އެދުވަހު ފަތިހު 4:15 ގައި ބޭރުގެ ސިފައިން މާލެ އެރިތާ 10 މިނެޓްގެ ތެރޭގައި ދިވެހި ސިފައިން ދުޝްމަނުންނަށް ހަމަލާ ދިން ކަމަށެވެ. އެދުވަހު ސިފައިން ފިލާ ތިބި ނަމަ އެ ހަމަލާ ދެވުނީސްތޯ އުމަރު ވަނީ ސުވާލު އުފައްދަވާފައެވެ.
"ދުޝްމަނުން އެންމެ ފުރަތަމަ އެރީ ރައީސް އޮފީހާއި، ފުލުހުންގެ ހެޑް ކުއާޓަރާ ދެމެދުގެ ސަރަހައްދަށް. އެމީހުންގެ އަތުން ވަޒަނެއް ގޮވުމުން، އަޅުގަނޑުމެންގެ ސިފައިން ބުނެފި ވަޒަނެކޭ އެގޮވީ. ކަލޭމެން އެއްވެސް ކުއްޖެއްގެ އަތުން ވަޒަނެއް ގޮވީހެއްޔޭ. އެމީހުން ބުނީ ނޫނެކޭ ނުގޮވައޭ. އެހެންވީމަ، އެމީހުން އެތިބީ ބަލަން. ވަޒަނެއްގެ އަޑު އިވިގެން. ތިމަންނާމެންގެ މީހެއްގެ އަތުން ވަޒަނެއް ގޮވީތޯ، ނޫނީ ކިހިނެއް ގޮވި ވަޒަނެއްތޯ ބަލަން މިތިބީ. ތިއްބާ، ހުސެއިން އާދަމްއަށް މި ފެންނަނީ ސޯޓު ލައިގެން ތިބި ބަޔަކު ބޮނދަ ބޮނދައިގެން މިއަދުގެ ޖުމްހޫރި މައިދާނާ ދިމާލަށް ދާ މަންޒަރު. މި މަންޒަރު ފެނިފަ، ހުސެއިން އާދަމް އިސްވެ ހަމަލާ ދިނީއޭ އިނގޭތޯ އެމީހުންނަށް،" ތިނެއް ނޮވެމްބަރުގައި ދިވެހި ސިފައިން ތިބީ ނިދާފައި ކަމަށް ބުނާ ފަރާތްތަކަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވަނީ، ނޮވެމްބަރު3ގެ ހަމަލާގެ އިސް މޭސްތިރިޔާ ބާޣީ އަބްދުﷲ ލުތުފީ ސްރީލަންކާގެ އެމްބަސީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުނުކަން ފާހަގަކުރައްވައި އޭނާ އަނބުރާ ރާއްޖެ ގެންނަން ލަސްވީތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ލުތުފީ ފިލާ ހުރި ވާހަކަ ފަޅާއަރުވާ ނުލިނަމަ، އޭނާ ނުގެނައީހޭ އިނގޭތޯ." އުމަރު ވިދާޅުވިއެވެ.