އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ޓީޓީ ޑަބަލްސް އިވެންޓުގެ ރަން މެޑެލް ރަފާ އާއި ދީމާއަށް، ރިހި މެޑެލް މުއީނާ އާއި ޖުމާނާއަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިސް ޑަބަލްސް އިވެންޓުގެ ރަން މެޑެލް ރާއްޖޭގެ އާއިޝަތު ރަފާ ނާޒިމްއާއި ފާތިމަތު ދީމާ އަލީގެ ޕެއާ ހޯދި އިރު، ރިހި މެޑެލް ރާއްޖޭގެ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާގެ ޕެއާ ހޯދައިފިއެވެ.

މިއަދު ކުޅުނު އެ އިވެންޓުގެ ފައިނަލުގައި ވާދަކުރީ ވެސް ރާއްޖޭގެ ދެ ޕެއާއެވެ. ފައިނަލުގައި މުއީނާ އާއި ޖުމާނާގެ ޕެއާ އަތުން ރަފާ އާއި ދީމާގެ ޕެއާ ކުރި ހޯދީ ސީދާ ހަތަރު ސެޓުންނެވެ.

އައިއޯއައިޖީ އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލުގައިި ރާއްޖޭގެ ތަޖުރިބާކާރު ޕެއާ، މުއީނާ އާއި ޖުމާނާ އަތުން ރާއްޖޭގެ އުންމީދީ ޕެއާ، ރަފާ އާއި ދީމާގެ ޕެއާ ސެޓުތައް ގެންދިޔައީ 11-5، 1-8، 11-8 އަދި 11-9 އިންނެވެ.

ޑަބަލްސް އިވެންޓުގެ ފައިނަލުން ރަފާ އާއި ދީމާގެ ޕެއާ ޖާގަ ހޯދީ ސެމީ ފައިނަލުގައި މޮރިޝަސްގެ ޕެއާ އަތުން މޮޅުވެގެންނެވެ. އަދި މުއީނާ އާއި ޖުމާނާގެ ޕެއާ ފައިނަލުން ޖާގަ ހޯދީ މަޑަގަސްކަރ ޕެއާ އަތުން މޮޅުވެގެންނެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ވަނީ މިއަހަރުގެ އައިއޯއައިޖީގެ ޓީމު އިވެންޓުގެ ރަން މެޑެލް ވެސް ހޯދައިފައެވެ.