މުސާރަ ނުދީގެން 200 ވަރަކަށް ބީދޭސީން ގއ.ދިގުރަށުގައި މުޒާހަރާކޮށްފިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދިގުރަށުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް މުޒާހަރާ ކުރަމުން އަންނަ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މުޒާހަރާ ކުރަމުންދާ ބިދޭސީންނަކީ ދިގިރަށުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތްތުގައި އުޅޭ ބިދޭސީންކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިމީހުން މުޒާހަރާ ކުރަނީ މުސާރައިގެ މައްސަލައިގައި މެނޭޖްމަންޓާ މައްސަލަ ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މުޒާހަރާގެ ރިޕޯޓު ލިބުމާއެކު ދިގުރަށަށް ދިއުމަށް ފަހު ފުލުހުން މިހާރު މުޒާހަރާ ރޫޅާލާފައިވާ ކަމަށެވެ. އަދި މެނޭޖްމަންޓާއި ބިދޭސީންގެ ތެރެއިން އިސްކޮށް އުޅޭ 10 މީހެއް ވަކިން ބައްދަލުކޮށް މައްސަލަ ހައްލުކުރުމަށް ވާހަކަ ދައްކާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ބިދޭސީންގެ މުސާރައިގެ ކަންކަން މާދަމާ މެނޭޖްމަންޓުން ހަމަޖައްސައި ދިނުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ފުލުހުން މައުލޫމަތު ދެއެވެ.
ފުލުހުން ބުނީ ރަށުގެ އާންމު ހާލަތު ރަނގަޅުވުމުން އެސަރަހައްދަށް ދިޔަ ފުލުހުން މިހާރު އެސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ.