ޝަހީދާ އަބްދުﷲ ސައީދު
މާލީ ބަޔާން އޮޑިޓަޖެނެރަލަށް ހުށަހެޅުމަށް ގާނޫނުން ކަނޑައަޅާފައިވާ މުއްދަތަށް ބަދަލު ގެނައުމުގެ ބާރު އޮޑިޓަރޖެނެރަލަށް ލިބިގެން ނުވާކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އޮޑިޓަރ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅަންވާ ފަރާތްތަކާއި، އެއޮފީހުން މުއާމަލާތުތައް ކުރަމުން ގެންދަނީ އެބޭފުޅަކު ނިސްބަތްވެ ވަޑައިގަންނަވާ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ނޫން ކަމަށާއި، މާލީ ބަޔާނާ ބެހޭ އެންމެހާ މުއާމަލާތްތައް ހިންގަމުން ގެންދަނީ ސީދާ މާލީ ބަޔާން ހުށަހަޅަންޖެހޭ ފަރާތާ އެކުގައި ކަމަށެވެ. މާލީ ބަޔާން ހުށަހަޅަމުންދާ ގޮތާ ބެހޭ ގޮތުން ގާނޫނީ ބާރު ލިބިގެންވާ ތަހުގީގީ އިދާރާއެއް ފިޔަވައި އެހެން އެއްވެސް ފަރާތަކާއެކު މައުލޫމާތު ހިއްސާކޮށްފައި ނުވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
''މާލީ ބަޔާން އޮޑިޓަޖެ ނެރަލަށް ހުށަހެޅުމަށް ގާނޫނުން ކަނޑައަޅާފައިވާ މުއްދަތަށް ބަދަލު ގެނެސް، އެމުއްދަތު ދިގުކޮށް ނުވަތަ ކުރު ކުރުމަކީ އޮޑިޓަރޖެނެރަލަށް ގާނޫނުން ލިބިދީފައިވާ ބާރަކަށް ނުވާ ހިނދު، މާލީ ބަޔާން ހުށަހަޅުމަށް އޮންނަ މުއްދަތަށް ބަދަލު ގެނައުމަށް އެއްވެސް ފަރާތަކަށް އޮޑިޓަރ ޖެނެރަލް ފުރުސަތު ދެއްވާފައި ނުވާނެއެވެ.'' އޮޑިޓަރު ޖެނެރަލްގެ އޮފީހުން އާންމުކުރި ބަޔާނުގައި ވެއެވެ.
މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި ބަޔާން ހުށަހަނާޅާ ފަރާތްތަކަށް އެފަރާތެއްގެ މަގާމުގެ ދައުރު ހަމަވުމުގެކުރިން މާލީ ބަޔާން ހުށަހެޅުމަށް އަންގާ އެންގުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވުމަށް ފަހު ވެސް މާލީ ބަޔާން ހުށަހެޅުމަކީ މަގާމުގައި ހުންނަވައިގެން ކުރައްވައި ނިންމެވުން ގާނޫނީ ގޮތުން މުހިންމު ކަމެއް ކަމުގައިވާތީ، އެކަން އެފަރާތެއްގެ ސަމާލުކަމަށް ގެނައުމަށް އަމަލުކުރަމުންދާ އުސޫލެއް ކަމަށް ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިހެން ބުނެފައި މިވަނީ ރައީސް ޔާމީންގެ މާލީ ބަޔާނާއި ގުޅޭ އެންމެހައި މަޝްވަރާތައް އޮޑިޓަރ ޖެނެރަލްގެ ލަފާފުޅާއި އެއްގޮތައް ކުރެވިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވެފައި ވަނިކޮށެވެ. ރިޔާސީ ފަހު ދައުރު ހިމަނައިގެން ދައުރު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅަން ފުރުސަތު ދެއްވާފައިވާ ސިޓީއެއް މީގެ ދެތިން ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އޮޑިޓަރ ޖެނެރަލް ފޮނުއްވާފައިވާ ކަމަށް ވެސް މުއާޒު ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ލަފާދީފައެވެ.