އެމްއެމްޕީއާރުސީ ހިޔާނާތުގެ އަސްލު ބައިވެރިން އަދިވެސް ތިބީ މަގާމުތަކުގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުން މިއަދު އިސްތިއުފާ ދިން އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
މަގާމުން އިސްތިއުފާ ދިނުމަށް ފަހު އާންމު ކުރި ނޫސްބަޔާނެއްގައި ނަސީރު ވިދާޅުވީ އޭނާ ގަވަރުނަރުގެ މަގާމަށް އައީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މާފަހުން ކަމަށެވެ. އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ ދުވަސްވަރު އެމްއެމްއޭގެ ގަވަރުނަރާއި، އެމްއެމްއޭގެ ވެރިންގެ އިތުރުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން މަސައްކަތްކޮށްފައިވަނީ އެންމެ ޒިންމާދާރު ކަމާއެކީ ނޫން ކަމަށް ނަސީރު ވިދާޅުވިއެވެ. އަދި ގަވަރުނަރުގެ މަގާމުގައި ހުރި އިރު ތައްޔާރު ކުރި އިންޓާނަލް ރިވިއު ރިޕޯޓުންނާއި މައްސަލައިގެ ތަހުގީގު ތަކުން ކަން ހިނގާފައިވާގޮތް ވަރަށް ސާފުކޮށް ފެންނާނެ ކަމަށް ނަސީރު ވިދާޅުވިއެވެ. ނަސީރު ވިދާޅުވީ އިންޓަރނަލް އޮޑިޓުން ފެނުން ޖިނާއީ ކަންކަން މިއަހަރު މާޗް މަހުތެރޭ ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށާއި އިންސާފުވެރިކޮށް ތަހުގީގު ހިނގައިފި ނަމަ އެކަމުގެ ހަގީގީ ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭ ވަަރަށް ހެކި ލިބޭނެ ކަމަށެވެ.
ނަސީރު ވިދާޅުވީ އޭނާ މަގާމާއި ހަވާލުވުމުގެ ކުރިން ދައުލަތުން 1.3 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށެވެ. އަދި އޭނާ ގަވަރުނަރުކަމާ ހަވާލުވުމުގެ ކުރީގެ އެމްއެމްއޭގެ ލީޑަޝިޕުން އާދަޔާ ހިލާފަށް ގިނައިން ޓުއަރިޒަމް މިނިސްޓަރާއި ވަކިން ބައްދަލުކޮށްފައިވާކަން އެމްއެމްއޭގެ ރިކޯޑުތަކުން ފެންނަން ހުރި ކަމަށް ނަސީރު ވިދާޅުވިއެވެ. ނަސީރު ވިދާޅުވީ އޭރު އެމްއެމްއޭގެ ލީޑަޝިޕުގަިއ ތިއްބެވި ބޭފުޅުން އަދިވެސް އެމްއެމްއޭގެ އިތުރުން ދައުލަތުގެ އެކި މަގާމުތަކުގައި ތިބި ކަމަށެވެ. އަދި އޭނާގެ މައްޗަށްކޮށްފައިވާ ދޮގު ތުހުމަތު ތަކަކީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ކަން ހިނގިގޮތް ހޯދަން އުޅުމުން ކޮށްފައިވާ ކަމެއްކަމަށް ނަސީރު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ ހިޔާނަތުގެ ފައިސާތައް ދައުލަތަށް އަނބުރާ ހޯދުމަކީ މުހިއްމުކަމެއްކަން ނަސީރު ފާހަގަކުރައްވާފައިވެއެވެ. ނަސީރު ވިދާޅުވީ މިކަން ކާމިޔާބު ވާނީ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އިތުބާރު ހޯދައިދީގެން ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގަން ބޭނުން ނުވާ ބަޔަކު ދައުލަތުގައި ތިބި ކަމަށް ނަސީރު ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދީފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދޮގު ތުހުމަތުތަކާއެކު އެމްއެމްއޭއިން ވޭތުވެދިޔަ އަހަރު ހޯދާފައިވާ ކުރިއެރުންތައް ގެއްލިދިއުމަށް ނޭދޭތީކަމަށެވެ. އަދި އެފަދަ ފުރުސަތެއް އެއްވެސް މީހަކަށް ދޭކަށް ބޭނުމެއް ނޫންކަމަށް ނަސީރު ވިދާޅުވިއެވެ. ނަސީރު ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގެ ހައިބަތަށާއި ގަދަރަށް އަދި އެމްއެމްޢޭއަށް އުނިކަމެއް ލިބުމަށް ނޭދޭކަމަށެވެ. އަދި މިކަމުގައި ބޮޑަށް ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދިނުމަށްފަހު ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުން ކަމަށް ދެކޭކަމަށް ނަސީރު ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ވަނީ އެ ޔުނިޓުގެ މަސައްކަތަށް ނަސީރު ނުފޫޒުފޯރުވަން އުޅުއްވިކަމަށް ބުނެ ނަސީރުގެ މައްޗަށް ތުހުމަތުކޮށްފައެވެ.