އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިސް ޑަބަލްސް އިވެންޓުގެ ފައިނަލަށް ރާއްޖޭގެ ދެ ޕެއާ ދަތުރުކޮށް، ރަން މެޑެލް އަދި ރިހި މެޑެލް ކަށަވަރުކޮށްފިއެވެ.
އާއިޝަތު ރަފާ ނާޒިމްއާއި ފާތިމަތު ދީމާ އަލީގެ ޕެއާ އަދި މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާގެ ޕެއާ ޑަބަލްސް އިވެންޓުގެ ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު ސެމީ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.
މޮރިޝަސްގެ ޕެއާއާ ދެކޮޅަށް ކުޅުނު ވާދަވެރި ސެމީ ފައިނަލް މެޗުން ރަފާ އާއި ދީމާގެ ޕެއާ ކުރި ހޯދީ 3-4 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު 2-11 އަދި 9-11 އިން މޮރިޝަސް އިން ގެންދިޔަ ނަމަވެސް ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު އަދި ފަސްވަނަ ސެޓު ރާއްޖެއިން ވަނީ ގެންގޮސްފައެވެ. އެ ސެޓުތައް ރާއްޖޭގެ ޕެއާ ގެންދިޔައީ 11-7، 16-14 އަދި 12-10 އިންނެވެ.
ރަފާ އާއި ދީމާގެ ޕެއާ ކުރީގައި އޮއްވައި ހަވަނަ ސެޓު ގެންގޮސް މޮރިޝަސް އިން ނަތީޖާ ހަމަހަމަކުރިއެވެ. އެ ސެޓު މޮރިޝަސް އިން 7-11 ގެންދިއުމާ ގުޅިގެން ފައިނަލުގެ ޖާގަ ހޯދާ ޕެއާ ކަށަވަރުކުރުމަށް ހަތްވަނަ ސެޓަކަށް ދާން ޖެހުނެވެ. ފަހު ސެޓުން ރަފާ އާއި ދީމާގެ ޕެއާ ކުރި ހޯދީ 11-6 އިންނެވެ.
ސެމީ ފައިނަލުގެ އަނެއް މެޗުގައި ރާއްޖޭގެ މުއީނާ އާއި ޖުމާނާގެ ޕެއާ މޮޅުވީ ސީދާ ހަތަރު ސެޓުންނެވެ. މަޑަގަސްކަރ ޕެއާއާ ދެކޮޅަށް ކުޅުނު އެ މެޗުގެ ސެޓުތައް މުއީނާ އާއި ޖުމާނާގެ ޕެއާ ގެންދިޔައީ 11-5، 11-8، 11-7 އަދި 12-10 އިންނެވެ.
ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ވަނީ މިއަހަރުގެ އައިއޯއައިޖީގެ ޓީމު އިވެންޓުގެ ރަން މެޑެލް ވެސް ހޯދައިފައެވެ.