ރައްޔިތުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނީ ގައުމުގެ އަމިއްލަ ފަރާތްތަކުން ސަރުކާރާ ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ގާއިމްކުރި ޑޮކްޓަރ ޑީޑީ ޑެންޓަލް އެންޑް މެޑިކަލް ސެންޓަރ ހުޅުވުމަށް މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ހިދުމަތެއް ފޯރުކޮށްދޭ އިމާރާތަކީ ކިތަންމެ ކުޑަ އިމާރާތެއް ނަމަވެސް އެތަނަކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުނަމަ އެތަނަކީ ފެންވަރު ރަނގަޅު ތަނެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނާނެ ކަމަށެވެ.
މީގެ އިތުރުން ޑރ.ޑީޑީ އަކީ ސިއްހީ ދާއިރާ ގައި ރާއްޖެއަށް ގިނަގުނަ ހިދުމަތްތަކެއް ފޯރުކޮށްދެއްވަމުން ގެންދަވާ ފަރާތެއްކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ޑރ.ޑީޑީގެ މަސައްކަތަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި ދިވެހި ރައްޔިތުންގެ ނަމުގައި ނައިބު ރައީސް ޑރ.ޑީޑީއަށް ޝުކުރުއަދާކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ސިއްހީ ހިދުމަތަކީ ރާއްޖެގެ ކޮންމެ ރައްޔިތަކަށްވެސް އެންމެ މުހިއްމު ހިދުމަތްކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.