ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ ހިމެނޭ ގޮތަށް ތިން ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ބަލަން ނިންމާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އަދި ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ޝަރީފާ ގުޅޭ މައްސަލަތަކަކެވެ. އެ މައްސަލަތައް ބެލުމަށް ކޮމިޓީތަކެއް ވެސް ވަނީ އެކުލަވާލައިފައެވެ.
ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީއާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާ ބެލުމަށް އެކުލަވާލާފައިވާ ކޮމިޓީގައި ހިމެނެނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި މެމްބަރު މުހައްމަދު އީސާފުޅު އަދި މެމްބަރު އިބްރާހިމް ރިފްއަތެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާ ބެލުމަށް އެކުލަވާލާފައިވާ ކޮމިޓީގައި ހިމެނެނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި މެމްބަރު އަބްދުއްރައޫފް އިބްރާހިމް އަދި މެމްބަރު އިބްރާހިމް ރިފްއަތެވެ.
ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ޝަރީފާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާއާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާ ބެލުމަށް އެކުލަވާލާފައިވާ ކޮމިޓީގައި ހިމެނެނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި މެމްބަރު އަބްދުރައޫފް އިބްރާހިމް އަދި މެމްބަރު މުހައްމަދު އީސާފުޅެވެ.