ޚަބަރު

ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން އެކުލަވާލި ބިލް ރައީސް އޮފީހަށް ފޮނުވައިފި

މަރިޔަމް ޝަހުދާ

ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް އެކުލަވާލި ބިލް ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނަރަލް އޮފީހުން މިއަދު މިކަމާ ގުޅިގެން އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ. މީގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކެސޭޝަން ޖަވާބުދާރީ ކުރުވުމުގެ އިތުރުން މިހާރަށްވުރެ ހާމަކަން ބޮޑު ޓެކްސޭޝަން ނިޒާމެއް ތައާރަފްކޮށް ޓެކްސް ދައްކާ ފަރާތްތަކައް މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށް އެޓާނީ ޖެނަރަލް އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ތިން އިސްލާހެއް ގެނައުމަށް ހުށަހަޅާފައިވާނެ ކަމަށް އެޓާނީ ޖެނަރަލް އޮފީހުން ބުނެއެވެ. އެއީ މީރާގެ ބޯޑުގައި ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މީހަކު ހިމަނައި، ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކޮށް ބޯޑު ހިންގުމުގެ ނިޒާމު ބަދަލު ކުރުމުގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކެސޭޝަންގެ މަގާމުގެ މުއްދަތެއް ގާނޫނުން ކަނޑައެޅުމެވެ. އަދި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކެސޭޝަންގެ އިތުރުން މީރާގެ ބޯޑުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާނެއް އޮޑިޓަރ ޖެނެރަލް އޮފީހަށް ހުށަހަޅަގޮތައް ހަމަޖެއްސުމުގެ އިސްލާހެކެވެ.

މީގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ގާނޫނުގައި ކަނޑައެޅުމަށް ތިން ކަމެއް ވަނީ މި ބިލް މެދުވެރިކޮށް ހުށަހަޅާފައެވެ. ފުރަތަމަ އިސްލާހަކަށް ހުށަހަޅާފައިވަނީ މިރާގެ ނުވަތަ ކޮމިޝަނާ ޖެނެރަލް ގެ ނިންމުމަކަށް އިއުތިރާޒުކޮށް ހުށަހެޅުމަށް ގާނޫނީ ގޮތުން ވަކި މުއްދަތެއް ކަނޑައެޅުމަށެވެ. ދެވަނަ ކަމަކަށް ޓެކްސް ދައްކާ ފަރާތުން މީރާއިން ހިސާބު ކުރުމަށްފަހު ކަނޑައަޅަ އަދަދާމެދު ހިތްހަމަ ނުޖެހިއްޖެ ނަމަ އެ އަދަދެއްގެ %30 ދެއްކުމަށްފަހު ޓްރައިބިއުނަލްއަށް ހުށަހެޅޭގޮތަށް އިސްލާހު ކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި ފަހު ކަމަކަށް ޓެކްސް ރޫލިންގް މެދުވެރިކޮށް ޓެކްސްގެ ގާނޫނުތަކަށް ގެނެވޭ ބަދަލުތައް ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ނެރެވޭ ގޮތަށް ހަމަ ޖެއްސުމުގެ އިތުރަށް އެ ރޫލިންގްތަކަށް އަމަލުކުރުމަށް ގާނޫނުން ވަކި މުއްދަތެއް ކަނޑައަޅާގޮތަށް އިސްލާހުގެނައުމަށް ވަނީ ހުށަހަޅާފައެވެ.