އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކުއާޓަރޒް، ޅ. މާފިލާފުށީގައި ގާއިމްކޮށްފައިވާ ސިފައިންގެ ތަމްރީނު މަރުކަޒު، އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގެ ފޭސް 1 ފުރިހަމަކުރުމަށް އިންޑިއާ ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ބަންޑާރަކޮށީގައި މިއަދު ހެނދުނު 10:00 ގައި ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާ ސަރުކާރުގެ ފަރާތުން ހަވާލުކުރާ ފައިސާގެ ރަމްޒީ ޗެކް، ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރްއެވެ. އަދި، ޑިފެންސް މިނިސްޓްރީގެ ފަރާތުން ރަމްޒީ ޗެކާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަހްމަދު ދީދީއެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން މިއަދު ހަވާލުކުރެއްވި 1.07 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއަކީ، ޅ.މާފިލާފުށީގައި ގާއިމްކޮށްފައި ހުރި އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގެ ފޭސް 1 ގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ވެދިން އެހީއެކެވެ.
އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރަކީ އިންޑިއާ ސަރުކާރުގެ އެހީގައި ޅ. މާފިލާފުށީގައި ބިނާ ކުރަމުންދާ ޓްރޭނިންގ ސެންޓަރެވެ. ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރު ބިނާކޮށް ނިމުމުން، އެތަން ވެގެންދާނީ ސިފައިންގެ ތަމްރީނުތައް ހިންގާ މައި މަރުކަޒުގެ ގޮތުގައެވެ.
މި ރަސްމިއްޔާތުގައި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރްއާއި މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަހްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޢަބްދުއްރަހީމް ޢަބްދުއްލަތީފާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ ކެޕްޓަން ޕްރަޝާން ހާންޑޫ އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންގެ އިތުރުން، ސީނިއަރ އޮފިސަރުންނާއި އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.