ޚަބަރު

ބްރޯޑްކޮމްގެ ރައީސާއި ނާއިބުރައީސް ވަކިކުރަން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑް ކޮމް) ގެ ރައީސް މުހައްމަދު ޝަހީބާއި، އެ ކޮމިޝަންގެ ނައިބް ރައީސް ފާތިމަތު ޒައިނާ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޝަހީބާއި ޒައިނާ ވަކިކުރަން ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. ތާއީދު ކުރެއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމްއެވެ.

މި ހުށަހެޅުމާއެގޮތަށް އެ ދެ ބޭފުޅުން ކޮމިޝަނުން ވަކިކުރަން ކޮމިޓީން ނިންމީ މިއަދުގެ ބައްދަލުވުމުގައި ތިއްބެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީން އެގޮތަށް ފާސްް ކުރުމަށްފަހު އެ ނިންމުން ދެން ފޮނުވާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ. އެ ބޭފުޅުން ކޮމިޝަނުން ވަކިކުރާނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

ޝަހީބާއި ޒައިނާ ކޮމިޝަނުން ވަކިިކުރަން ނިންމިއިރު، އެކޮމިޝަންގެ ނާއިބު ރައީސްކަމުގައި މީގެކުރިން ހުންނެވި، އިސްމާއީލް ސޮފްވާން ވެސް ވަކިކުރަން އޭރު ކޮމިޓީއަށް ހުށަހެޅުނެވެ. ނަމަވެސް އެގޮތަށް ކޮމިޓީީން ނިންމުމުގެކުރިން ސޮފްވާންގެ އިތުރުން އެކޮމިޝަންގެ މެންބަރު ހަސަން ނަބާހް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.