ޚަބަރު

ޕީޕީއެމްގެ އޮފީހަކަށް އެމްއައިޓީޑީސީ އިން ވަނީ 1.9 މިލިޔަން ރުފިޔާ ހަރަދުކޮށްފަ: އެމްޑީ

އިބްރާހިމް ޒަކީ

ޕީޕީއެމްގެ އޮފީހަކަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން 1.9 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއެސް) އަށް އެމްއައިޓީޑީސީއާބެހޭމައުލުމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުﷲ ޔާމީންގެ ވެރިކަމުގައި، އެ މަނިކުފާނަށް ނިސްބަތްވާ ޕީޕީއެމްގެ އޮފީހަކަށް އެ ކުންފުނީގެ ބަޖެޓުން 1.9 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ހަރަދު ކޮށްފައިވަނީ ކޮން ތަނެއްގައި ހުރި ޕީޕީއެމްގެ ކޮން އޮފީހަކަށް ކޮށްފައިވާ ހަރަދެއްކަން އެނގިވަޑައިނުގަންނަވާކަމަށެވެ.

ނަމަވެސް އެއީ ދެބުރިއަށްހުރި އޮފީހެއްކަން ޔަގީނުންވެސް އެނގިވަޑައިގަންނަވާ ކަމަށް ރާއިދު ވިދާޅުވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ރާއިދު ވަނީ އެމްއައިޓީޑީސީން ކޮށްފައިވާ ކޮރަޕްޝަންގެ ބޮދެތި މައްސަލަ ތަކަކާބެހޭ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރައްވައިފައެވެ.

އަދި އެ ކުންފުނީގެ ކޮރަޕްޝަނާބެހޭ ގިނަ މައްސަލަތަކެއް އޭސީސީން ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.