ބަންދުގައި ބަހައްޓައިގެން ކޯޓައް ހާޒިރުކުރުމަށް ދެމީހަކު ހޯދަމުން އެބަދެއެވެ.
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުތަކަކާ ގުޅިގެން އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް / ހޯދަޑު ނައިސްވޭ، ޙަސަން ޒަރީރު (46އ) އާއި ޏ.ފުވައްމުލައް / މިސްކިތްމަގު ޖަވާހިރުމާގެ، ޙަސަން ޢަބްދުﷲދީދީ (37އ) އެވެ.
މި ދެމީހުން ހޯދަމުންދަނީ، ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވާ އެހެންމީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށް ކޯޓަށް ހާޒިރުވެފައި ނުވާތީ، މި ދެމީހުން ބަންދުގައި ބަހައްޓައިގެން 2019 ޖުލައި 25 ވަނަ ދުވަހު 21:30 އަށް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ވީމާ މި ދެމީހުންނާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށާއި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުދަންނަވާފައެވެ.