ދިވެހި ހައްޖު މިޝަނުން، ސައުތު އީސްޓް އޭޝިއާގެ ހައްޖު މުއައްސަަސާގެ ރައީސް ޑރ.ރައުފަތު ބަދުރާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ސައުތު އީސްޓް އޭޝިއާގެ ހައްޖު މުއައްސަސާގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި ބައްދަލުކުރެއްވުމުގައި ސައުތު އީސްޓް އޭޝިޔާގެ ހައްޖު މުއައްސަސާގެ ރައީސް ޑރ.ރައުފަތު، ކަންތައްތަކެއް ފާހަގަ ކުރެއްވި ކަމަށެވެ.
އެގޮތުން މަޝާއިރުތަކުގައި ތިބޭއިރު، ވީހާވެސް ބޮޑަށް ދީނުގައި އޮންނަ ލުއިފަސޭހަ ގޮތްތައް ހައްޖުވެރިންނަށް ފަހިކޮށްދިނުމުގެ މުހިންމު ކަމާއި، ދުރާލައި އަރާފާތަށް ދިއުމަށް ބާރު އެޅުމާއި، ކަނޑައެޅިފައިވާ ވަގުތުތަކުގައި ހިލަ އުކަން ދިއުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.
އަދި އެހެން އަހަރުތަކަށް ވުރެ ރަނގަޅަށް މިއަހަރު މީހުން ހައްޖަށް ގެންދިޔަ ގްރޫޕްތަކުން އިންތިޒާމްތައް ހަމަޖައްސަމުންދާކަން ސައުތު އީސްޓް އޭޝިޔާގެ ހައްޖު މުއައްސަސާގެ ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.
މީގެ އިތުރުން، އިތުރު ކޯޓާ ލިބުމުގައި ލަސްތަކެއް ކުރިމަތިވުމުގެ ސަބަބުން، ކަންކަން ހަމަޖައްސަން ގުރޫޕުތަކަށް ދަތިވި ނަމަވެސް، އެހެން އަހަރުތަކަށް ވުރެ ކުރިން ކޯޓާ ލިބުމުން ކުރިއަށްވުރެ ފަސޭހަވެގެން ދިޔަކަންވެސް ފާހަގަ ކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހި ހައްޖު މިޝަންގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން، އެ މިޝަންގެ ރައީސް، އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝެއިޚް އިލިޔާސް ޖަމާލު ވަނީ، މުއައްސަސާގެ ފަރާތުން ހައްޖު މިޝަނަށް ދެއްވާ އެހީތެރިކަމާއި، ބަހައްޓަވާ ގާތް ގުޅުމަށްޓަކައި ޝުކުރު ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ދިވެހި ހައްޖުވެރިންގެ ކަންކަން އިންތިޒާމް ކުރުމުގައި މުއައްސަސާގެ އެހީތެރިކަން ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.