އެކި ނަންނަމުގައި ރާއްޖޭގައި އޮޕަރޭޓް ކުރާ ގޭންގްތައް މަދަނީ ޖަމިއްޔާ، ނުވަތަ ކުޅިވަރު ކްލަބު ތަކުގެ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށް، ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރުމަށް ހޯމް މިނިސްޓްރީއާއި، ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓްރީއަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމައިފިއެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކުރިއަށްދިޔަ ބަހުސްގައި އެފަދަ ކަންކަން ގާތުން ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމަށް އެ މިނިސްޓްރީތަކަށް އެންގުމަށްވެސް ކޮމިޓީން ވަނީ ފާސް ކޮށްފައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ތަފާތު ނަންތަކުގައި ހަރަކާތްތެރިވާ ގޭންގުތައް ޕްރޮމޯޓުވާގޮތަށް މަދަނީ ހަރަކާތްތަކާއި، ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރުމަށްވެސް ހުށަހަޅާފައިވެއެވެ.
އެ ހުށަހެޅުން ކޮމިޓީއަށް ހުށަހަޅުއްވަމުން ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، ގޭންގްތަކުގެ މައްސަލައަކީވެސް ކުޑަކުދިންގެ ނާޖާއިޒް މަންފާ ނެގުމާއި، ކުށްތަކާއި ނޭދެވޭ ކަންކަމުގައި ކުޑަކުދިން ބައިވެރިވުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. އެހެންކަމުން ސްކޫލާއި ރަށުފެންވަރުގައި އެއްވެސް ގޭންގެއްގެ ނަމުގައި ކުޅިވަރުތަކުގައި ބައިވެރިވުން މަނާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިމައްސަލައަށް ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ކޮމިޓީއަށް ފުލުހުން ހާޒިރުކޮށް، ގޭންގް ވަޔަލެންސް ގައި ބައިވެރިވާކަން ފާހަގަވާ ޖަމާއަތްތައް ފާހަގަކޮށް، ފުލުހުން މެދުވެރިކޮށް އެފަދަ ޖަމާއަތްތައް ދެނެގަތުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.