ޚަބަރު

ބަނގުރަލާއި އޫރުމަސް އެތެރެކޮށް ވިއްކުން ވަގުތުން މަނާކުރަން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

އޫރު މަހާއި ބަނގުރާ، ރާއްޖެއަށް އެތެރެކޮށް ވިއްކުން ވަގުތުން ވަގުތަށް މަނާކޮށް އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު މަޖިލީހަށް ބަލައިގަނޭތޯ ނެގި ވޯޓުގައި ބިލް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން އެންމެ 8 މެންބަރުންނެވެ.

އެ ގަރާރު ބަލައި ގަންނަން ނުފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވި އެވެ.

ރައްޔިރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި މި ބިލްގެ ބަހުސްގެ މަރުހަލާގައި ބިލް ހުށަހެޅުއްވި މެންބަރު ޖާބިރު ފިޔަވައި ބިލަށް ވާހަކަ ދެއްކެވީ އެންމެ މެންބަރެކެވެ. އެއީ ކުޑަކުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.

އިތުރު މެންބަރަކު ބިލަށް ވާހަކަ ދެއްކެވުމަށް ބޭނުންފުޅު ނުވުމުން ބިލަށް ބަހުސްބަސް ބުނުމަށް ޖަލްސާގެ ރިޔާސަތުން ޖާބިރަށް ފުރުސަތު ދެއްވިއެވެ.

ޖާބިރު ވިދާޅުވީ، ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާފައިވާ ތަކެތި ރާއްޖޭގައި ވިއްކަމުން ދަނީ މީގެ 40 އަހަރުކުރިން ހަދާފައިވާ ގަވާއިދަކުން ކަމަށެވެ. އަދި އެކަމަށް އެއްވެސް ސަރުކާރަކަށް ހުއްދަ ނުދެވޭނެ ކަމަށާއި، ކުރީގެ ސަރުކާރުން ހަދާފައިވާ ގަވާއިދަކުން ކަމަށްބުނެ ބަނގުރަލާއި އޫރުމަސް ވިއްކުމަކީ ކުރެވޭވެ ކަމެއްނޫން ކަމަށް ވިދާޅުވެ މިހިނދުން މިހިނދަށް އެކަން މަނާކުރަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އަދި ރާއްޖެއަށް އޫރުމަހާއި ބަނގުރާ އެތެރެކުރަން ހުއްދަދޭ ގަވާއިދު ވަގުތުން އުވައިލުމަށް ޖާބިރު ގޮވައިލެއްވިއެވެ.