ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގައި ދެމުންދާ ލޮލުގެ ފަރުވާގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖެއިން ޗައިނާ އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޒޭންގް ލިޒޯންގެވެ.
އެ އެއްބަސްވުމުގެ ދަށުން، ލޮލުގެ ފަރުވާ ދޭ ހާއްސަ މަރުކަޒު ގާއިމްކުރަން ހަމަޖައްސާފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.
އެއްބަސްވުމުގެ ދަށުން އެންމެ އާދައިގެ ސާޖަރީތަކުން ފެށިގެން ހާއްސަ ސާޖަރީތައް ހެދޭ ފެންވަރަށް ތަރައްގީ ކުރުމާއި ހޮސްޕިޓަލަށް ބޭނުންވާ ލޮލުގެ ފަރުވާއާ ގުޅޭ އިކުއިޕްމަންޓްސް ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާކުރުމަށް ހަމަޖެހިފައިވެއެވެ.
އަދި ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ތަަމްރީނުތައް ޗައިނާގައި ދިނުމަސްވެސް ހަމަޖެހިފައިވެއެވެ. އަދި ޗައިނާގެ ލޮލުގެ ހާއްސަ ޑޮކްޓަރުން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ޗައިނާ ސަރުކާރުގެ އެހީގައި 2015 އަދި 2017 ވަނަ އަހަރު ވެސް ލޮލުގެ ހާއްސަ ކޭމްޕްތަކެއް ރާއްޖޭގައި ހިންގި އެވެ.
އެ ކޭމްޕުތަކުގައި 1،000 އަށް ވުރެ ގިނަ މީހުން ސްކްރީންކޮށް، 186 މީހުންގެ ކެޓަރެކްޓް ސާޖަރީ ހެދިއެވެ. އަދި 9.2 މިލިއަން ރުފިޔާގެ ލޮލުގެ ފަރުވާއާ ގުޅޭ ސާމާނު ޗައިނާ އިން ރާއްޖެއަށް ހަދިޔާކުރިއެވެ.