ޚަބަރު

ތުޅާދޫގައި ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އާނިފާ ހުސެއިން ސިރާޖް

ތުޅާދޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން އެރަށުގެ ކައުންސިލްގެ ބޭފުޅުންނާއެކު ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ކުރެއްވީ މިނިސްޓްރީން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ބެލުމަށާއި އެ ރަށްތަކުގައި ގެސަޓްހައުސްގެ ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ރަށު ކައުންސިލަތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލް އަދި މި ވިޔަފާރީގެ އެންމެހާ މަސްލަހަތުވެރިންނާ ބައްދަލުކުރުމަށް ކުރަމުން އަންނަ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބ.އަތޮޅު ތުޅާދޫއަށް ކުރެއްވި ދަތުރުފުޅުގައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ތުޅާދޫގެ ކައުންސިލާ ބައްދަލު ކުރައްވައި އެ ކައުންސިލްގެ ކަންބޮޑުވުންތައް އައްސަވައި ރަށުގައިހުރި ޓޫރިޒަމް ގާއިމްކުރެވޭނެފަދަ ތަންތަން ބައްލަވާލައްވާފައި ވެއެވެ.

މި ދަތުރުފުޅުތަކުގެ މަޤްޞަދަކީ އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސިޔާސަތު ބައްޓަންކުރުމުގައި ބޭނުންވާ ޔާލާއި ލަފާ ހޯދުމެވެ.