ޒުވާނުން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކުރުވައި ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މަގުސަދުގައި ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިއުލާންކޮށްފިއެވެ.
ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަކީ މަތީ ސާނަވީ ތައުލީމު ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ވަޒީފާގެ ތަޖުރިބާ ބޭނުންވާ ކުދީންނަށް އަމާޒުކޮށްގެން ފަށާފައިވާ ޕްރޮގްރާމެކެވެ.
ކުރިއަށް އޮތް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ދިރާގުން މިހާރު އިއުލާންކޮށްފައި ވާއިރު އެކަމަށް "ވޯކް-އިން" އިންޓަވިއުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިރާގުން ބުނީ އެކުންފުނީގެ ހެޑް އޮފީހާއި ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުގައި މި މަހުގެ 12ގައި އިންޓަވިއުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ދިރާގުގެ އެކި ދާއިރާތަކުން އަމަލީ މަސައްކަތް ކުރުމުގެ ފުރުސަތު ގިނަ ބަޔަކަށް ލިބިގެންދާނެއެވެ. އަދި އެއް އަހަރު ދުވަހު ދިރާގާ އެކު މަސައްކަތްކޮށް، ރަނގަޅު ފެންވަރަކަށް މަސައްކަތްތައް ކޮށްފައިވާ ކެނޑިޑޭޓެއް ނަމަ އެކުންފުނިން ވަޒީފާގެ ފުރުސަތު ލިބިގެންދާނެއެވެ.
މިދިޔަ އަހަރުގެ އެޕްްރެންޓިސްޝިޕް ޕްރޮގްރާމުން ވަނީ 22 ފަރާތެއް ގްރެޖުއޭޓް ވެފައެވެ. އެ ޕްރޮގްރާމް އެންމެ ފުރަތަމަ ފަށާފައިވަނީ 2009 ވަނަ އަހަރުގައެވެ.