ޚަބަރު

އެމްއެމްއޭ ގަވަރުނަރު އިސްތިއުފާ ދެއްވައިފި

އެމްއެމްއޭ ގަވަރުނަރު އަހުމަދު ނަސީރު އިސްތިއުފާ ދެއްވައިފިއެވެ.

ނަސީރު މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އެމްއެމްއޭގެ މުވައްޒިފުންނާ ވަނީ ބައްދަލު ކުރައްްވައިފައެވެ.

"ވަން އޮންލައިން" އަށް ދެންމެ މައުލޫމާތު ދެއްވަމުން ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ވިދާޅުވީ، އެމްއެމްއޭ ގަވަރުނަރު އަހުމަދު ނަސީރުގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށެވެ.

ނަސީރު މިއަދު އިސްތިއުފާ ދެއްވާފައިވާއިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އޭނާގެ މައްޗަށް ވަނީ ގިނަ ތުހުމަތުތަކެއް ކުރެވިފައެވެ.

އެގޮތުން މަލީ ލޯންޑަރ ކުރުމުގެ ކަންކަން ހުއްޓުވުމަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރި މަސައްކަތްތަކަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ކޮށްފައިވާ ތުހުމަތު ހިމެނެއެވެ.

އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ގަވަރުނަރު ވަނީ ހާޒިރުކޮށްފައެވެ.

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ގަވަރުނަރު ނުފޫޒު ފޯރުވާފައިވާކަމަށް ފުހުމަތުކޮށް އެ ޔުނިޓުގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފު ވިދާޅުވީ، ނަސީރު އެމްއެމްއޭގެ ޓެރަސްގައި އަޝްރަފާ ބައްދަލު ކުރެއްވިކަމަށެވެ. އަދި އެގޮތަށް ބައްދަލު ކުރައްވަން ވަޑައިގެންނެވިއިރު ފޯނު ނުގެންދެވުމަށް އެދިވަޑައިގަތް ކަމަށާއި، އެ ބައްދަލު ކުރެއްވުމުގައި ވިދާޅުވީ، ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ހައިޕްރޮފައިލް ބޭފުޅުންގެ މައްސަލަތައް ނުފޮނުވުމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަޝްރަފު ވިދާޅުވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް އޭނާ ހުންނެވި މުއްދަތުގައި އެ ޔުނިޓުގެ މަސައްކަތްތަކަށް ނަސީރުގެ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.