އިބްރާހިމް ޒަކީ
ދިވެހި މަސްވެރިންއަތުން މަސްގަތުމަށް 4 ފަރާތަކާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތައް އުވާލުމަށް، ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ، ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދެވެ.
ބޭރުގެ ބޯޓު ފަހަރު ރާއްޖެއައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމަށް ބާރު އަޅައި ހުށަހަޅާ ގަރާރުގެ ނަމުގައި ހުށަހެޅު މި ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ގިނަ އަދަދެއްގެ ދިވެހިން ހަރަކާތްތެރިވަމުންދާއިރު، އެ މަސައްކަތުގެ ސީދާނަފާ، ވީހާވެސް ފުޅާ ދާއިރާއެއްގައި ދިވެހިންނަށް ހޯދައި ދިނުމުގެ މުުހިއްމުކަން ބޮޑުވެ، އެކަމަށް މަސައްކަތް ކުރަންޖެހިފައިވާކަމަށް ބުނެފައިވެއެވެ.
މަސްވެރިންނަށް ހަމައަގު ހޯދައި ދިނުމަށް މަސްވެރިަކަމުގެ ވާދަވެރި މާހައުލެއް ގާއިމްކުރުން މުހިއްމުކަމަކަށާއި، ދިވެހި މަސްވެރިން ބާނާމަސް މެދުވެރިއެއްނެތި ސީދާ ބޭރުގެ ފަރާތްތަކަށް ވިއްކޭނެ މަގު ފަހިކޮށްދިނުމަކީ މުހިންމުކަމެއް ކަމަށާއި، މަސްވެރިން ބާނާމަސް ގަންނަން ބޭރުގެ ބޯޓު ފަހަރު ރާއްޖެ އައުމަށް ހުއްދަދިނުމަކީ މިހާރުން މިހާރަށް ކުރުން މުހިއްމުކަމެއް ކަމަށް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
ދިވެހި ސަރުކާރުން، ދިވެހިން ބާނާމަސްގަތުމަށް ހަތަރު ފަރާތަކާއެކު އެކްސްކްލޫސިވް އެގްރިމެންޓްތަކެއް ހަދާފައި ވާތީ އިތުރު ފަރާތްތަކަށް މަސް ގަތުމަށް ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވުމުގެ ހުއްދަ އެއް ދެވިފައި ނެތްކަންވެސް ގާރާރުގައި ފާހަގަކޮށްފައި ވެއެވެ.
މަސްގަންނަ ފަރާތްތައް އިތުރުވުމުން އެ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އުފެދި މަހަށް ލިބޭ އަގު ރަނގަޅުވާނޭ ކަމަށާއި، ބޭރުގެ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ވެސް މަސްގަތުމުގެ ފުރުސަތުދީ އެފަރަތްތައްވެސް އިތުރުކުރަން މުހިއްމުކަމަށް ގަރާރުގައި ވެއެވެ.
ދިވެހި މަސްވެރިންއަތުން މަސްގަތުމަށް 4 ފަރާތަކާއެކު ވެފައިވާ އެއްބަސްވުންތައް ވީ އެންމެ އަވަސް ފުރުސަތެއްގައި ބާތިލް ކުރުމަށް ގޮވާލައި މި ގަރާރުގައި ބުނެފައިވަނީ، ބޭރު ބޯޓު ފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްގަތުމާގުޅޭ ގޮތުން އެނަލިސިސް އެއް ހަދައި އެފަދަ ފަރާތްތަކަށް ހުއްދަ ދޭންޖެހޭ ކަމަށެވެ.
އަދި ރާއްޖޭގެ ކުދި ވިޔަފާރުތަކަށް ވެސް މަސް ގަނެވޭނެ ގޮތްތައް ބަލައި އެ ފަރާތްތަކަށްވެސް މަސްގަނެވޭނެ މަގުފަހިކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އަށާއި ފިޝަރީޒް މިނިސްޓްރީއަށް މަޖިލިސް މެންބަރުން އިލްތިމާސް ކުރައްވާ ކަމަށް ވެސް ގަރާރުގައި ކަނޑައަޅާފައިވެއެވެ.