ޚަބަރު

ލަންކާގައި އުޅޭ ދިވެހިންނަށް ސިންހަޅަ ބަސް ދަސްކޮށްދެނީ

ފަތޯނާ ފާއިޒު

ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗުރަލް ސެންޓަރުން، އެގައުމުގައި އުޅޭ ދިވެހިންނަށް ސިންހަޅަ ބަހުން ލިޔަން ކިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.

ސޯސަންވިލާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ "ސިންހަޅަ ބޭސިކް ކޯސް"ގެ ނަމުގައި، ލަންކާގައި އުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރުމަހުގެ ތިން ވަނަ ދުވަހުގައި ކަމަށެވެ. ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ 16 ވާ ހުކުރު ދުވަހުގެ 15:00ގެ ކުރިން ސޯސަންވިލާއަށް ފޯމު ހުށަހެޅުމަށް އެސެންޓަރުން ވަނީ އެދިފައެވެ.

ސޯސަންވިލާއިން ބުނީ އެކޯހުގެ ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން މަހަކު 2000 ސްރީލަންކަން ރުޕީސް ނަގާނެކަމެށެވެ. ސިންހަޅަ ބަސް އުނގަންނައިދޭ ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ސޯސަންވިލާއިންނާއި، އެ ސެންޓަރުގެ ފޭސްބުކް ޕޭޖުން ކޯހުގައި ބައިވެރިވާން އެދޭ ފޯމު ލިބެން ހުންނާނެއެވެ.

ސިންހަޅަ ބަސް އުނގަންނައިދިނުމަށް ސޯސަންވިލާގައި ކުރިއަށްގެންދާ ކޯހުގައި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަވީރު 4:00އިން އިރުއޮއްސި 6:00އަށް ކިޔައިވައިދިނުން އޮންނާނެ ކަމަށް އެސެންޓަރުން ބުނެއެވެ.