ޚަބަރު

ބަނގުރަލާއި އޫރުމަސް އެތެރެކޮށް ވިއްކުން ވަގުތުން މަނާކުރަން ގަރާރު ހުށަހަޅައިފި

އިބްރާހިމް ޒަކީ

އޫރު މަހާއި ބަނގުރާ، ރާއްޖެއަށް އެތެރެކޮށް ވިއްކުން ވަގުތުން ވަގުތަށް މަނާކޮށް އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހަޅުއްވަމުން،ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވީ، ކީރިތި ގުރުއާނުގައި މަނާކޮށްފައިވާ ކަންކަން ރައްޔިތުންގެ މަޖިލީހަށް ހުއްދަ ނުކުރެވޭނެ ކަމަށެވެ.

އަދި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި ރާއްޖޭގައި ހިންގާނީ އިސްލާމީ ދައުލަތެއް ކަމަށާއި، ރާއްޖޭގައި ހަދާ ގާނޫނު ތަކާއި ގަވާއިދުތައް ހަދަންޖެހޭނީ އިސްލާމްދީނާ ހިލާފް ނުވާ ގޮތުގެމަތިން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

އަދި ފަތުރުވެރިކަމުގެ ސިނާއަތު ރާއްޖޭގައި ކުރިއަށް ގެންދަން ޖެހޭނީވެސް އިސްލާމް ދީނާއި ގާނޫނު އަސާސީއާ ހިލާފް ނުވާގޮތެއްގެމަތިން ކަމަށާއި، އެ ސިނާއަތުގެ ތެެރެއިން ކުރެވޭ ވިޔަފާއި އާއި ދެވޭ ހިދުމަތަކީ ގާނޫނެއްގެ ދަށުން، ގަވާއިދު، ނުވަދަ އުސޫލެއްގެ ދަށުން ދޭ ކަމަކަށްވިޔަސް އިސްލާމްދީނާ ހިލާފަށް އެކަން ނުކުރެވޭނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާފައިވާ ތަކެތި ރާއްޖޭގައި ވިއްކަމުން ދަނީ މީގެ 40 އަހަރުކުރިން ހަދާފައިވާ ގަވާއިދަކުން ކަމަށެވެ. އަދި އެކަމަށް އެއްވެސް ސަރުކާރަކަށް ހުއްދަ ނުދެވޭނެ ކަމަށާއި، ކުރީގެ ސަރުކާރުން ހަދާފައިވާ ގަވާއިދަކުން ކަމަށްބުނެ ބަނގުރަލާއި އޫރުމަސް ވިއްކުމަކީ ކުރެވޭވެ ކަމެއްނޫން ކަމަށް ވިދާޅުވެ މިހިނދުން މިހިނދަށް އެކަން މަނާކުރަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ރާއްޖެއަށް އޫރުމަހާއި ބަނގުރާ އެތެރެކުރަން ހުއްދަދޭ ގަވާއިދު ވަގުތުން އުވައިލުމަށް ޖާބިރު ވަނީ ގޮވާލައްވައިފައެވެ.

ޖާބިރު ވިދާޅުވީ، އިސްލާމް ދީނުގައި ހުރިހާ ކަމެއް ކަނޑައަޅާފައިވަނީ އެއް އުސޫލަކުން ކުރުމަށް ކަމަށެވެ.

އެހެންކަމުން ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމުގަ އާއި މަނާކުރުމުގައި ތަފާތުކުރުންތައް ގެންގުޅޭ ކަން ފާހަގަކޮށް، ބަނގުރާ ވިއްކުމުގެ ހުއްދަ ކަނޑައެޅިފައި އޮންނަ ގަވާއިދުގައި ބުނާ ފަރާތްތަކަށްދޭ މައްސަލަ ޖާބިރު ފާހަގަ ކުރެއްވިއެވެ.