ޚަބަރު

އާ ޖަނަރޭޓަރު އިންސްޓޯލް ކުރުމުން ކަރަންޓު މައްސަލައަށް ހައްލު ލިބޭނެ: އައްޑޫ ސިޓީ ކައުންސިލް

ފަތޯނާ ފާއިޒު

އައްޑޫ ސިޓީ ހުޅުމީދޫއަށް އަލަށް ގެންގޮސްފައިވާ 800 ކިލޯވޮޓްގެ ޖަނަރޭޓަރު އިންސްޓޯލް ކުރުމުން އެރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރެވިގެންދާނެ ކަމަށް ކަމަށް އައްޑޫ ސިޓީކައުންސިލް މެމްބަރު ހުސެއިން ހިޔާޒު ވިދާޅުވެއްޖެއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ހިޔާޒު ވިދާޅުވީ، ހުޅުމީދޫއަށް މިހާރުވެސް ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވާ ކަމަށެވެ.

އެމައްސަލަ ދިމާވަނީ އެރަށަށް ދެ ޖަނަރޭޓަރުން ހިދުމަތް ދޭތީ ކަމަށްވެސް ހިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަލަށް ގެނައި ޖަނަރޭޓަރު އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

ހުޅުމީދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން އެރަށަށް ޖަނަރޭޓަރެއް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފެނަކައިން ކުރި ޓްވީޓެއްގައި ބުނީ ހުޅުމީދޫގެ ކަަރަންޓަށް އޮންނަ ޑިމާންޑް އިތުރުވަމުންދާ ކަމަށެވެ. އަދި އެރަށުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ހައްލު ކުރުމަށްޓަކައި 800 ކިލޯވޮޓްގެ ޖެންސެޓެއް ފޮނުވާފައިވާ ކަމަށްވެސް ފެނަކައިން ވަނީ ހާމަކޮށްފައެވެ.

ފެނަކައިން ކުރި ޓްވީޓް: ހުޅުމީދޫއަށް 800 ކިލޯވޮޓްގެ ޖެންސެޓެއް ވަނީ ގެންގޮސްފައި.

ހުޅުމީދޫ އޮންނަނީ އައްޑޫ ސިޓީގެ ގުޅިފައިވާ އެހެން ރަށްތަކާއި ވަކިންނެވެ.

އެރަށުގެ އާބާދީ 5000އަށް އިތުރުވުމާއެކު ކަރަންޓު ބޭނުން ކުރާ މިންވަރާއި، ކަރަންޓަށް އޮންނަ ޑިމާންޑްވެސް ވަނީ އިތުރުވެފައެވެ.

ހުޅުމީދޫގެ ކައުންސިލް މެމްބަރު ހިޔާޒު ވިދާޅުވީ އެރަށަށް އިތުރު އެއް ކިލޯވޮޓްގެ ޖަނަރޭޓަރެއް ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ހާމަކުރައްވާފައިވާ ކަމަށާއި، އެ ޖަނަރޭޓަރު ލިބުމުން، ހުޅުމީދޫގެ ކަރަންޓްގެ މައްސަލަ މުޅިން ހައްލުވެގެންދާނެ ކަަމަށް ޔަގީން ކުރައްވާ ކަމަށެވެ.