ދާދި ފަހުން އިންޑިއާ އިން ހަނދަށް ފޮނުވައިލި ޖައްވީ އުޅަނދު ޗަންދްރަޔާން 2 ކާމިޔާބު ކަމާއެކު އުދުއްސައިލުމުން ދިވެހިރާއްޖެއިން އިންޑިއާއަށް މަރުޙަބާ ކިޔައިފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބުނެފައިވަނީ ހަނދުގެ ދިރާސާތައް ހެދުމަށް އިންޑިއާއިން ކާމިޔާބު ކަމާއެކު ޖައްވީ އުޅަނދު ޗަންދްރަޔާން 2 އުދުއްސާލުމާއި ގުޅިގެން އިންޑިއާ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާކަމަށެވެ.
މި އުޅަނދު އުދުއްސައިލުމުގެ ފަހަތުގައި ތިބި އިންޑިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަންގެ ސައިންސްވެރިންގެ މަސައްކަތް ވެގެންދާނީ މިފަދަ ދިރާސާތަކަށް ލިބުނު އިތުުރު ކުރިއެރުމަކަށެވެ.
ޖައްވީ ހޯދުންތަކުގައި އިންޑިއާއިން ހޯދަމުންދާ ކާމިޔާބީތަކަކީ ޖައްވީ ދިރާސާތައް އިތުުރަށް ފުޅާކޮށް، ތަރައްޤީކުރުމަށް ލިބުނު އިތުރު ހިތްވަރެއްކަންވެސް މިނިސްޓްރީ އިން ފާހަގަ ކުރައްވާފައި ވެއެވެ.
އެއާއިއެކު މިއީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރު ކުރުވާކަމެއް ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.