ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަންނަވާ އިރު، ކަނޑުމަގު އިޚްތިޔާރު ކުރައްވަން ނިންމެވީ ރައީސް ޔާމީން އެޅުއްވި ބުރިޖު ފެނިވަޑައިގެން ލަދުވެތި ވާތީ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ޑރ. އަބްދުﷲ ޚަލީލު ''ވަންއޮންލައިން'' އަށް ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގަންނަވާ އިރު ބުރިޖުގެ ބޭނުން ނުކުރައްވާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެފަދަ ނިންމެވުމެއް ރައީސް ނަޝީދު ނިންމެވީ ނަޝީދުގެ ސަރުކާރުގައި އަޅަން ގަސްދު ކުރެއްވި ބުރިޖު، އިންޖިނޭރުންނާއި ފައިސާ ހޯދާނެ ގޮތް އެނގިވަޑައިނުގެން، އެވިސްނުން ދޫކޮށްލައްވާފައި ވަނިކޮށް، ރައީސް ޔާމީންގެ ސަރުކާރުގައި ބުރިޖު އެޅުމުން އެކަމާ ވަރަށް ބޮޑަށް ލަދުވެތިވެފައި ހުންނެވުމުން ކަމަށް ޑރ. ޚަލީލު ވިދާޅުވިއެވެ.
އަދި މިއަދު ބުރިޖު ބޭނުން ނުކުރެއްވި ނަމަވެސް މުސްތަގުބަލުގައި ނަޝީދު ބުރިޖުން ދަތުރު ކުރައްވާ މަންޒަރު ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''ރައީސް ނަޝީދު މާލެ ވަޑައިގަތުމަށް ބުރިޖު ޚިޔާރު ނުކުރެއްވީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ ފެނި ލަދުން. ފައިސާއާއި އިންޖިނޭރުންނާ ހޯދާނެ ގޮތް ނޭނގިގެން ނަޝީދަށް ނޭޅުނު ބުރިޖު ރައީސް ޔާމީން އެޅީމައި ދެން ލަދުވެތި ވަނީ ބުރިޖަށް އަރާވަޑައިގަންނަވަން.'' ޑރ. ޚަލީލު ވިދާޅުވިއެވެ.
މީގެއިތުރުން ޑރ. ޚަލީލު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނައި ތަރައްގީ ފެނި އަޖައިބުނުވާ ރައްޔިތަކު ނެތް ކަމަށެވެ. އެކަން ޚުދު އެމްޑީޕީ މެންބަރުން ވެސް ގަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށްފަހު، އެމަނިކުފާނު މިއަދު މެންދުރުފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ކަނޑުމަގުންނެވެ.
އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ ވިދާޅުވެފައިވަނީ ރައީސް ނަޝީދު ކަނޑުމަގުން މާލެ ވަޑައިގަތުމަށް ނިންމެވީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޓަކައި ބާއްވާ ހަރަކާތްތައް މާލެއާއި ހުޅުލެއާ ދެމެދު ކަނޑުގެ ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވާތީ ކަމަށެވެ.