ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރިފާއު (ބޮޗޭ)، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އަށް ސޮއިކުރައްވައިފިއެވެ.
ޖާބިރާއި ބޮޗޭ ޑީއާރުޕީއަށް ސޮއިކޮށްފައިވަނީ މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޖާބިރު ޑީއާރުޕީއާ ގުޅިވަޑައިގަންނަވާނެކަން މިމަހުގެ ތެރޭގައި މީގެ ކުރިން ވަނީ އިއުލާން ވެސް ކޮށްފައެވެ. ޖާބިރާއެކު މަޖިލީހުގެ އިތުރު ދެ މެމްބަރަކު ވެސް ޑީއާރުޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ކާނަލް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޑީއާރުޕީން މިރޭ ވަނީ ކައުންސިލް ބައްދަލުވުމެއް ބާއްވައި، ބައެއް މަގާމުތަކަށް ބޭފުޅުން ހަމަޖައްސައިފައެވެ. އެ ޕާޓީގެ ލީޑަރަކަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހަމަޖެއްސި އިރު، ނައިބު ލީޑަރުންނަށް ހަމަޖައްސާފައިވަނީ ކުރިން އެ ޕާޓީގެ ލީޑަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު (ކާނަލް) އާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފިޝާވިންއެވެ. މިރޭ އެ ޕާޓީއާ ގުޅިވަޑައިގެންނެވި ބޮޗޭ ހަމަޖައްސާފައިވަނީ އެ ޕާޓީގެ ރަޖިސްޓްރާއަކަށެވެ.