އެމްއެމްޕީއާރުސީގެ ޗެކްތަކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރެވިގެންދިޔަ ގޮތާ ބެހޭގޮތުން ތަހުގީގު ހިންގާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުރި ރެކޯޑުތަކަށް ބަލައިގެން ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތުކުރި މައްސަލައާ ގުޅޭގޮތުން އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލީހަށް އެ ބޭންކުގެ ފަރާތުން މައުލޫމާތު ދެއްވުމަށް ވަޑައިގެންނެވި ބޭފުޅުން މައުލޫމާތު ދެއްވާފައިވަނީ ބޭންކުގެ ރެކޯޑުތަކާ އެއްގޮތަށް ތެދު މައުލޫމާތު ކަމަށާއި މަޖިލިސް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެފައިވަނީ ވެސް ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް ތެދު މައުލޫމާތު ކަމަށެވެ.
"އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކުތަކެއް އެފްއޯއެފް އެކައުންޓަށް ޖަމާކުރެވިގެންދިޔަ ގޮތާ ބެހޭގޮތުން މި ބޭންކުގެ އިންޓާނަލް އޮޑިޓުން ކުރިއަށްގެންދިޔަ ތަހުގީގު ހިންގާފައިވަނީ މި ބޭންކުގައި ހުރި ރެކޯޑުތަކަށް ބަލައިގެންނެވެ. ނޮވެމްބަރު 2016ގައި ޗެކް އިމޭޖިންގ އެންޑް ޓްރަންކޭޝަންގެ ދަށުން ޗެކް ކްލިއަރެންސް ފެށުމާ ހަމައަށް، މި ބޭންކުގެ އެކައުންޓްތަކަށް ޖަމާކުރެވޭ އެހެން ބޭންކުތަކުގެ ޗެކްތައްވެސް އަދި ޗެކްތަކުގެ އިމޭޖްއަކީ ވެސް މި ބޭންކުގެ ރެކޯޑުގައި ބެހެއްޓޭ އެއްޗެއް ނޫނެވެ..،" ބީއެމްއެލް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކު ނޫން އެހެން ބޭންކެއްގެ ޗެކެއްގެ ކްލިއަރެންސް ފުރިހަމަވެ، އަދި އެ ޗެކަކަށް ފައިސާ ދޫކުރާނީވެސް އެ ޗެކެއް ދޫކޮށްފައިވާ އެކައުންޓް ހުޅުވާފައިވާ ބޭންކަކުން ކަމަށާއި އެ ޗެކްތަކުގެ ރެކޯޑުތައް ވެސް ހުންނާނީ އެ ބޭންކެއްގައި ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ހިމެނޭ އެފަދަ ޗެކްތަކުގެ ކޮޕީ ހޯދުމަށް އެ ބޭންކުން ވަނީ އެހެން ބޭންކުތަކުގައި އެދިފައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.
"މި ދެންނެވި ގޮތަށް ބޭންކުގައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މާލިއްޔަތު ކޮމިޓީއަށް މި ބޭންކުގެ ފަރާތުން މައުލޫމާތުދީފައި ވަނިކޮށް، އެސްއޯއެފް އެކައުންޓަށް އެންޑޯސްކުރެވިގެން ޖަމާކުރެވުނު އެހެން ބޭންކްތަކުގެ ޗެކްތަކެއް މި ބޭންކުގެ ސަމާލުކަމަށް އައުމުން އިތުރަށް މިކަން މުތާލިއާކުރަން ވަނީ ފަށައިފައެވެ. އަދި 21 ޖުލައި 2019ގައި މި ބޭންކުން މަޖިލީހަށް ފޮނުވުނު ސިޓީގައި އެހެން ބޭންކުތަކުން މި ޗެކްތަކާ ގުޅޭ މައުލޫމާތު ލިބުމުން ދިރާސާކުރުމަށްފަހު އިތުރު ތަފްސީލް ފޯރުކޮށްދެވޭނެ ވާހަކަވެސް ވާނީ ދެންނެވިފައެވެ..،" އެ ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބީއެމްއެލް އިން ބުނީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހާމަކުރެވިގެންދިޔަ މައުލޫމާތުތަކަށް ބަލާއިރު ބޭންކުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތަކާއި ބޭންކުން މަޖިލީހަށް ފޮނުވި ސިޓީގައިވާ މައުލޫމާތުތައް މާނަކުރުމުގައި ތަފާތުތަކެއް ހުރި ކަމަށް ފާހަގަކުރެވޭ ކަމަށެވެ.