ޝަހީދާ އަބްދުﷲ ސައީދު
ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)ގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމް ހައި ކޯޓުން ބާތިލުކޮށްފިއެވެ.
ހައި ކޯޓުން އެ ހުކުމް މިއަދު ބާތިލުކުރި އިރު، ދަށު ކޯޓުން ފަޔާޒުގެ މައްޗަށް ދެ އަހަރާއި ތިން މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވުމުން އޭނާ ވަނީ ހުކުމް ތަންފީޒުކޮށް ނިންމާފައެވެ.
ފަޔާޒުގެ މައްޗަށް ހުކުމް ކުރީ 19 ޖޫން 2016 ގައެވެ.
ފަޔާޒުގެ މައްޗަށް ދައުލަތުން ދައުވާކުރީ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާއެވެ.
ފަޔާޒުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިންމީ 11 ޖޫން 2018 ގައެވެ.
ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ފަޔާޒްގެ މައްޗަށް ޖަލު ހުކުމް އައީ އެ ހާދިސާގެ ތަހުގީގަށް ލޯންޗުކޮޅަށް އަރަން ދިޔަ ފުލުހުންނަށް ހުރަސް އެޅުމަށް ފަޔާޒު އަމުރު ކުރުމުންނެވެ.
އެ މައްސަލާގައި ފަޔާޒްގެ މައްޗަށް އެ ދައުވާ ކުރަނީ ސިފައިންގެ ބަޑި ގުދަނުގެ ވެރިއަކަށް އޭނާ ހުރި ދުވަސްވަރު ގަވާއިދާ ޚިލާފަށް ބަޑި ގުދަނުން ބައެއް ހަތިޔާރު ނެރެފައިވާ ކަމަށާއި އަދި މަދުވި ހަތިޔާރުތައް ހޯދަން ކުރި މަސައްކަތަށް އޭނާ ހުރަސް އެޅި ކަމަށް ބުނެ އެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގިއިރު ފަޔާޒަކީ ސިފައިންގެ ބަޑި ގުދަނުގެ ވެރިޔާއެވެ.