އެކްސިޑެންޓް

ޕާކިންގް މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ވެހިކަލް ލިމިޓް ކޮށްގެން: ޝަމާއު

މަރިޔަމް ޝަހުދާ

މާލެއަށް ދިމާވެފައިވާ ޕާކިންގްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެން އޮތީ ވެހިކަލްތައް ލިމިޓް ކޮށްގެން ކަމަށް މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެ އެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ޝަމާއު ވިދާޅުވީ މާލެ ސިޓީއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މާލޭގެ ބޮޑު އިންސައްތައަކީ އެއްގަމު އުޅަނދު ކަމަށް ވާއިރު، ވެހިކަލް ޕާކު ކުރާނެ ޖާގަ ކިތަންމެ ވަރަކަށް ހެދި ނަމަވެސް އެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް ޝަމާއު ވިދާޅުވިއެވެ. ޝަމާއު ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް މާލޭގައި ޖާގައެއް ނެތް ކަމަށެވެ.

މިކަމަށް ހައްލެއް ހޯދުމަށް ނަތީޖާއެއް ނެރެވޭނީ ވެހިކަލްތައް ލިމިޓްކޮށްގެން ކަމަށް ޝަމާއު ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތް ކުރުމުގެ ގޮތުން ކައުންސިލުން ބައްދަލުވުމެއް ބާއްވައި، މަޝްވަރާ ކުރުމަށްފަހު މިކަމާ ގުޅޭ ކަރުދާހެއް އެކުލަވާލާފައިވާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ. މި ކަރުދާސް މިހާރު ސަރުކާރަށް ހުށަހަޅާފައިވާ ކަމަށާއި އިތުރު މަސައްކަތެއް ދެން ކުރެވޭނީ ކެބިނެޓުން ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށްކަމަށެވެ.

ކުރީގެ ސަރުކާރުން ގާއިމުކުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް ނަގައި އެތަންތަން ވެސް ޕާކިން ޖާގައިގެ ގޮތުގައި މި ސަރުކާރުން އަންނަނީ ހަމަޖައްސަމުންނެވެ.