އިބްރާހިމް ޒަކީ
އެމްއެމްޕީއާރުސީގެ އެކައުންޓަށް އެއްވެސް ކްރޮސް ޗެކެއް ފޮނުވާފައިނުވާ ކަމަށް ވިދާޅުވެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން މައްސަލަ ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން މައްސަލަ ތަހުގީގު ކުރަން ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާކަމަށް ބުނެފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އާދިއްތަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، މި މަހު 16 ގައި ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، ސައްހަ ނޫން މައުލޫމާތު ދީފައިވާކަމަށް މަޖިލިސް ރައީސްއަށް އެންގެވީ އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒުކަމަށެވެ.
އެހެންކަމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ، ބީއެމްއެލް ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް މާލިއްޔަތު ކޮމިޓީގައި އޭރު ދެއްކެވި ވާހަކަތަކަކީ، އެވަގުތު ލިބިފައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކަ ތަކާބެހޭތުންކަމަށް ވިދާޅުވެ އޭނާ ސިޓީއެއް ފޮނުއްވާފައިވާ ކަމަަށެވެ.
އަދި އޭގެ ސައްހަ މައުލޫމާތު މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާނެ ކަމަށް ވިދާޅުވެ ކޮމިޓީއަށް ސާފުބަހުން މުއާމަލާތް ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވެފައިވާތީ، ޝަރީފްގެ މައްޗަށް ތަހުގީގުކުރަން ފޮނުއްވި މައްސަލައާމެދު އަލުން ވިންނަން ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާަޅުވީ، ޝަރީފް ކޮމިޓީއަށް މައުލޫމާތު ދެއްވީ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅުންހުރި އެމްއެމްޕީއާރުސީއަށް ޖަމާކުރަން ފޮނުވި ޗެކްތަކަކާބެހޭގޮތުން ކަމަށެވެ. އަދި ޝަރީފް ކޮމިޓީއަށް ދެއްވި މައުލޫމާތުގައި، އެ ޗެތްތަކުގެ ތެރޭގައި ކްރޮސްޗެކެއް ނުހިމެނޭކަމަށް ވިދާޅުވި ނަމަވެސް އެ ޗެކްތަކުގެ ތެރޭގައި ކްރޮސްޗެކް ހިމެނޭ ކަމަށް ރައީސް ނަޝީދު ވިދާާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެ ޗެކްތަކުގެ ފޮޓޯވެސް ލިބިވަޑައިގަންނަވާ ކަމަށާއި، އޭގެ ތެރޭގައި ސާފު ކްރޮސް ޗެކް ހިމެނޭ ކަމަށެވެ.
އެހެންކަމުން ޝަރީފްގެ މައްޗަށް އެ މައްސަލަ ކުރިއަށް ގެންދަންޖެހޭ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.