ޚަބަރު

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު މާލެއަށް

މިއަދު މެންދުރުފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމަށް ޓަކައި އަތޮޅުތަކުން ގިނަ ބަޔަކު މާލެ އަތުވެއްޖެއެވެ.

އެމްޑީޕީގެ ބައެއް ސަޕޯޓަރުން ބުނި ގޮތުގައި އެމީހުން މާލެ އައީ ނަޝީދު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން އިސް ނަގައިގެން ކުރިއަށް ގެންދާ ފޯރިގަދަ ހަރަކާތުގައި ބައިވެރިވުމަށް ކަމަށެވެ.

ނަޝީދުއަށް މަރުހަބާ ދެންނެވުމުގެ ހަރަކާތުގައި ބައިވެރިވުމަށް މާލެ އައި ފަރާތްތަކުން ބުނީ އެމީހުން ކަނޑު ހުރަސްކޮށް މާލެ އައީ މީގެކުރިން ކުރަމުން ދިޔަ އުންމީދެއް ހަގީގަތަކަށް ވުމުން ކަމަށެވެ. ނަޝީދުއަށް މަރުހަބާ ދެންނެވުމަށް މާލެ ކައިރި ރަށްތަކުން ވެސް ގިނަ އަދަދެއްގެ ބަޔަކު މިއަދު ވަނީ މާލެ އައިސްފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށް ފަހު، އެމަނިކުފާނު ވަނީ މިއަދު މެންދުރުފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައެވެ. ނަޝީދުއަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން އަންނަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަންނަވާ އިރު، މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަންނަވާ އިރު، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް އެމަނިކުފާނާ އެކު ރާއްޖެ އަށް ވަޑައިގަންނަވާނެ އެވެ.