އިބްރާހިމް ޒަކީ
މަރުގެ މައްސަލަތަކާއި، ހިއުމަން ޓްރެފިކިން އާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުންފަދަ ބޮޑެތި މައްސަލަތަކެއް ޝަރީއަތުގެ މަރުހަލާގައި ނުނިމި ލަސްވަމުންދާ މައްސަލައިގައި ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް، ފްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުުގެ ޖުޑިޝަރީ ކޮމިޓީގައި ޖަވާބުދާރީވެ ވަޑައިގަންނަވަމުން ބިޝާމް ވިދާޅުވީ، ޝަރީއަތުގެ މަރުހަލާގައި ލަސްވަމުންދާ މައްސަލަ ތަކުގެ ތެރޭގައި މީގެ ފަސް އަހަރު ކުރިން، އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ވ. ރަކީދޫ ވައިޖެހޭގޭ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި، އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ކުރާ ދައުވާ އާއި، ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް 2015 ވަނަ އަހަރުގެ ޑިސެމްބަރު 28ގައި މަރުވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އެ ރަށު ޖަވާހިރުމާގޭ ދެކުނު އިބްރާހީމް ޝާހުގެ މައްޗަށް އުފުލިދައުވާގެ އިސްތިއުނާފް މައްސަލަ ހިމެނޭ ކަމަށެވެ.
ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާ ވެސް ކްރިމިނަލް ކޯޓުގައި ސާބިތު ނުވުމުން، އެ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 4 ގައެވެ.
ޕީޖީ ވިދާޅުވީ، އިބްތިހާލްގެ މައްމަގެ މައްޗަށް ހުށަހެޅި މައްސަލަ ނުނިމި އޮންނަރާ މިހާރު 3 އަހަރު ވެފައިވާކަމަށެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބޭއްވީ ހުސްވި 2018 ވަނަ އަހރުގެ އޮގަސްޓް އަށެއްގައި ކަމަށްވެސް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ، އިބްތިހާލްގެ މައްސަަލައިގައި އިހުމާލްވި ފަރާތްތަކުގެ މައްޗަށް ހުށަހެޅި މައްސަލަ ތަކުގެ ތެރެއިން، އެކަކުގެ ބައި، މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް 2017 ވަނަ އަހަރުގެ މާޗް މަހުގެ 26 ގައި ކޯޓުން ނިންމި ކަމަށާއި، އެ މައްސަލައިގެ ރިޕޯޓް 5 ޖުލައިގައި ލިބުމުން 18 ޖުލައިގައި ހައިކޯޓުގައި އިސްތިނާފު ކުރި ނަމަވެސް އަޑުއެހުމެއް ނުބާއްވާތާ ދެއަހަރާ 4 ދުވަސް ވެއްޖެ ކަމަށެވެ.
ޕީޖީ ވިދާޅުވީ، ޒިޔާދާގެ މައްސަލަ މިއަހަރުގެ އޭޕްރީލް މަހުގެ 4 ގައި ހައިކޯޓަށް ހުށަހަޅާފައިވާއިރު، ތިންމަސްވީއިރު ވެސް އެއްވެސް އަޑުއެހުމެއް ތާވަލް ކޮށްފައިނުވާ ކަމަށެވެ.