އަނެއްކާވެސް އެމްޕީއެލްގެ ހެޑް އޮފީހަށް ވަށްކަންކުރަން ވަދެއުޅުނު މީހަކު އަތުލައިގެންފިއެވެ.
ވަން އޮންލައިންއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެމްޕީއެލްގެ ހެޑް އޮފީހަށް ވައްކަންކުރުމަށް މީހަކު ވަދެ ހުއްޓައި އެތާނގެ މުވައްޒަފުން އެމީހާ އަތުލައިގެންފައި ވަނީ ރޭ 22:00 ހާއިރު ކަމަށެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މިހަފްތާގެ އާދިއްތަ ދުވަހުވެސް އެމްޕީއެލްގެ އޮފީހުން ވަނީ ވައްކަން ކޮށްފައެވެ.
އެފަހަރު އެމްޕީއެލްގް ހެޑް އޮފީހަށް ވަދެ އެކުންފުނީގެ އެޗްއާރު ޑިޕާޓުމެންޓުން ވައްކަންކޮށް ބައެއް ލިޔެކިޔުންތައް ވަނީ ގެންގޮސްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ހުރީ މަސްތުގެ ހާލަތުގައެވެ.
ފުލުހުން ދަނީ މި ދެ މައްސަލަ ވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.