މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މޮރިޝަސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެގައުމުގެ ވަގުތީ ރައީސް ހިޒް އެކްސެލެންސީ ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އަދި އެގައުމުގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޕްރަވިންދް ޖަގްނައުތް އާ ބައްދަލުކުރައްވައި ރާއްޖެއާ މޮރިޝަސްއާ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މޮރިޝަސްގެ ޕޯޓް ލުއީގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައި.އޯ.އައި.ޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އައި.އޯ.އައި.ޖީ.ގައި ދިވެހި ޓީމުތައް ވާދަކުރި ބައެއް ކުޅިވަރުތައް ބައްލަވާލައްވައި ދިވެހި ޓީމުތަކަށް ތަރުހީބު ދެއްވާފައެވެ.
މި މުބާރާތުން ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު އިއްޔެ ރަންމެޑެލް ހާސިލުކޮށްފައިވާއިރު ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު ވަނީ ބްރޮންޒް މެޑަލް ހާސިލުކޮށްފައެވެ.