އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމުން ރިހި މެޑެއްޔެއް ހޯދައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޓީމުން ރިހި މެޑެއްޔެއް ހޯދައިފިއެވެ.

ބީޗް ވޮލީބޯޅަ އިވެޓުގައި ރާއްޖޭގެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފައެވެ. ބަލިވެފައިވަނީ ހަމައެކަނި ރީޔޫއަންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ރާއްޖޭގެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ކޮމޮރޯސް އަތުން 2-1 އިން ވަނީ މޮޅުވެފައެވެ. ދެވަނަ މެޗުގައި ރީޔޫނިއަން އަތުން 2-0 އިން ބަލިވި ނަމަވެސް، ތިންވަނަ މެޗުގައި މޮރިޝަސް އަތުން 2-1 އިން ވަނީ މޮޅުވެފައެވެ. އަދި މިއަދު ކުޅުނު މެޗުގައި ސީޝެލްސް އަތުން ރާއްޖެ މޮޅުވީ 2-0 އިންނެވެ.

އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޓީމުގައި ހިމެނެނީ އާދަމް ނަސީމް (އެޑަމް) އާއި، ޝިއުނާޒް އަބްދުލް ވާހިދާއި އަހްމަދު މުހައްމަދު އަދި މުހައްމަދު އަލީއެވެ.

އައިއޯއައިޖީގައި ރާއްޖެއިން ވަނީ މިހާތަނަށް ފަސް މެޑެލް ހޯދައިފައެވެ. އެއީ ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމު ހޯދި ރަން މެޑެއްޔާއި ފިރިހެން ބެޑްމިންޓަން ޓީމު ހޯދި ލޯ މެޑެއްޔާއި އަންހެން ބެޑްމިންޓަން ޓީމު ހޯދި ލޯ މެޑެއްޔާއި ޕެރަ 100 މީޓަރުގެ އިވެންޓުގައި ރާއްޖޭގެ ދުވުންތެރިޔާ މުހައްމަދު މާޒިން ހޯދި ލޯ މެޑެލް އަދި ފިރިހެން ބީޗް ވޮލީބޯޅަ ޓީމު ހޯދި ރިހި މެޑެއްޔެވެ.