ޚަބަރު

ގަވަރުނަރުގެ ތުހުމަތު: އަޝްރަފް އިސްވެ ހުރެ އެފްއައިޔޫގެ ޑޭޓާބޭސްގެ މައުލޫމާތު ބޮޓެއް މެދުވެރިކޮށްގެން ލީކު ކުރި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް އިސްކޮށް ހުންނަވައިގެން އެ ޔުނިޓުގެ ޑޭޓާބޭސްގެ މައުލޫމާތު ބޮޓެއް މެދުވެރިކޮށް ލީކު ކޮށްފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރު ތުހުމަތުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އަޝްރަފް ފޮނުވާފައިވާ ސިޓީއަކާ ގުޅޭގޮތުން ސުވާލުކުރުމަށް އެމްއެމްއޭގެ ގަވަރުނަރު ނަސީރު އަދި އަޝްރަފް ވެސް މިއަދު ވަނީ ހާޒިރުކޮށްފައެވެ. އަޝްރަފްގެ އެ ސިޓީގައި ނަސީރަށް ގިނަ ތުހުމަތުތަކެއް ވަނީ ކުރައްވައިފައެވެ.

އަޝްރަފް ކުރައްވާ ތުހުމަތުތަކުގެ ތެރޭގައި އެފްއައިޔޫގެ މަސައްކަތަށް ގަވަރުނަރު ނަސީރު ނުފޫޒު ފޯރުވާކަމުގެ ތުހުމަތާއި ވަކި މައްސަލަތައް ބެލުމަށް ނަސީރު އިރުޝާދު ދެއްވާފައިވާ ކަމުގެ ތުހުމަތާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެކައުންޓަށް ފައިސާތަކެއް ޖަމާކުރި މައްސަލަ އެފްއައިޔޫ އިން ފުލުހުންނަށް ހުށަހެޅުމުން އެކަމާ ހިތްހަމަނުޖެހި ވަޓްސްއެޕް އިން ގުޅައި އެގޮތަށް ކަންތައް ނުކުރުމަށް އަންގަވާފައިވާ ކަމުގެ ތުހުމަތު ހިމެނެއެވެ.

ނަސީރު ވަނީ އަޝްރަފުގެ ތުހުމަތުތަކަށް ޖަވާބުދެއްވުމުގެ އިތުރުން އަޝްރަފަށް ވެސް ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން ނަސީރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން އެފްއައިޔޫގެ ތެރެއިން މައުލޫމާތު ލީކުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އަޝްރަފް އިސްކޮށް ހުރެގެން ބޮޓެއް މެދުވެރިކޮށް ޓެލެގްރާމްގައި ޑޭޓާބޭސް ލީކް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަޝްރަފް މަގާމުން ވަކިކުރި ސަބަބުތަކުގެ ތެރޭގައި ޑޭޓާބޭސްގެ މައުލޫމާތު ލީކުރި މައްސަލަ ހިމެނޭ ކަމަށާއި އަޝްރަފް މަގާމުން ވަކިކުރީ ރަނގަޅަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ގަވަރުނަރު ނަސީރު ވިދާޅުވިއެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި ހުންނެވި އަޝްރަފް އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭނާ އެ މަގާމުން ވަކިކޮށް، ބަދަލުކޮށްފައިވަނީ ހަމަ އެ ފެންވަރުގެ މަގާމަކަށެވެ. އަޝްރަފުގެ މަގާމު ބަދަލުކުރި ފަހުން ވެސް އެފްއައިޔޫގެ ލިޔެކިޔުންތައް ބެލުމަށް އަޝްރަފް އެ މައުލޫމާތުތަކަށް އެކްސެސްކުރަމުން ގޮސްފައިވާ ކަމަށް ގަވަރުނަރު މިއަދު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ އޮކްޓޯބަރު 2017ގައި އައިއެމްއެފްގެ ލަފާގެ ދަށުން ރަނގަޅު ކޮންސަލްޓަންޓެއްގެ ސީވީ ހޯދައި އެ ސީވީ އަޝްރަފަށް ހުށަހެޅި ނަމަވެސް، އޭނާގެ އެއްބާރުލުން ލިބިފައިނުވާ ކަމަށާއި އޮޑިޓް ރިޕޯޓު ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ހަތަރު މަސް ދުވަހު އަޝްރަފްގެ މަސައްކަތަށް ބެލުމަށް ފަހު އޭނާ މަގާމުން ވަކިކޮށްފައިވާނެކަން ވެސް ގަވަރުނަރު ފާހަގަކުރެއްވިއެވެ.