މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީގެ ކޯހެއްގައި ބައިވެރިވުމަށް ދިވެހި އަށް އިމާމުން މިސްރަށް ފުރައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ކޯހަކީ އިމާމުންގެ ނަފްސު ކުރިއަރުވާނެ ގޮތްތައް ދެނެގަނެ މުޖުތަމައުގައި ދިމާވާ ދީނީ އަދި އިޖުތިމާއީ އެކިއެކި މައްސަލަތަކާއި ގޮންޖެހުންތައް ކިިޔަވައިދޭނެ ކޯހެއް ކަމަށެވެ.
މިއަދު އެ ކޯހުގެ ކިޔެވުން ފަށާއިރު އެ ކޯހަކީ ދެ މަސް ދުވަހުގެ ކޯހެއް ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ކޯސް ކުރިއަށް ގެންދާނީ ތަފާތު މޮޑިއުލް ތަކަށް ބަހާލައިގެންނެވެ. އޭގެެތެރޭގައި ކްލާސްތަކުގައި ނަގާ ފިލާވަޅުތަކާއި މިސްކިތް ތަކަށް ޒިޔާރަތްކޮށް އަމަލީ އަދި ފަންނީ ތަޖުރިބާ ލިބޭނެ މޮޑިއުލްތައް ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ ކޯހުގައި ބައިވެރިވި އަށް އިމާމުންގެ ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ޔުނިވާސިޓީގެ ފަރާތުންނެވެ. އަދި އެ އިމާމުންނަށް ބޭނުންވާ ޕޮކެޓް މަނީ ހަމަޖައްސާފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ.