އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމު ވެސް ލޯ މެޑެއްޔެއް ހޯދައިފިއެވެ.
އަންހެން ޓީމު އިވެންޓުގެ ރަން މެޑެލް ހޯދި ރީޔުނިއަން އާއި ރިހި މެޑެލް ހޯދި މޮރިޝަސް އަދި ރާއްޖެ ވެސް އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. ޕޮއިންޓްގެ ގޮތުން ތިން ޓީމު އެއްވަރުވެފައި އޮތުމުން މެޑެލް ދިނުމުގައި ބަލާފައިވަނީ ސެޓުގެ ތަފާތަށެވެ.
އަންހެން ޓީމު އިވެންޓުގައި ރާއްޖެއިން ވާދަކުރި މެޗުތަކުގެ ތެރެއިން ދެ މެޗެއް ވަނީ ކާމިޔާބުކޮށްފައެވެ. ރީޔޫނިއަން އާއި މޮރިޝަސްއަށް ވެސް ކާމިޔާބުކުރެވިފައިވަނީ ދެ މެޗެވެ. ސެޓުގެ ފައިދާއަށް ބަލާ އިރު، ރަން މެޑެލް ހޯދި ރީޔޫނިއަން އިން ވަނީ ފައިދާ ދެ ސެޓު ހޯދައިފައެވެ. މޮރިޝަސްއަށް ފައިދާ އަދި ގެއްލޭ ސެޓެއް ވެސް ނެތް އިރު، ރާއްޖެއަށް އޮތީ ދެ ސެޓުގެ ގެއްލުމެކެވެ.
އިއްޔެ ވަނީ ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު ވެސް ލޯ މެޑެއްޔެއް ހޯދައިފައެވެ. ތިންވަނަ ހޯދާ ޓީމު ކަނޑައެޅުމަށް އިއްޔެ ކުޅުނު މެޗުގައި ޝީޝެލްސްގެ މައްޗަށް ރާއްޖެއިން ކުރި ހޯދީ 4-1 ގޭމުންނެވެ.