ޚަބަރު

މޮރިޝަސްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންފި

މަރިޔަމް ޝަހުދާ

މޮރިޝަސްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ފުރާވަޑައިގެންފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ސޯލިހުގެ ދެކަނބަލުން މޮރިޝަސްއަށް ވަޑައިގެންނެވީ މޮރިޝަސް ސަރުކާރުގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި، މޮރިޝަސްގެ ރައީސްކަމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭއާ ރައީސް ސޯލިހު ބައްދަލު ކުރެއްވި އެވެ. އަދި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖަގްނައުތްއާއި ރައީސް ސޯލިހު ބައްދަލުކުރައްވައި ދެ ގައުމު އެކުގައި މަސައްކަތް ކުރިވިދާނެ ކަންކަމާ މެދު މަޝްވަރާ ކުރައްވާފައި ވެއެވެ.

މި ދަތުރުފުޅުގައި މެޑަމް ފަޒްނާ، ރައީސް ސޯލިހުގެ އަރިހުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފެށުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިއެވެ. އަދި ރައީސް ސޯލިހުގެ ދެކަނބަލުން އައިއޯއައިޖީގެ އެކި އިވެންޓުތައް ބައްލަވައި ދިވެހި އެތުލީޓުންނަށް ސަޕޯޓު ކުރެއްވުމަށް ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި މޮރިޝަސްއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން މިދަތުރުގައި އިތުރަށް ބަދަހިވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.