ޖުޑީޝަލް ސާވިސް ކޮމިޝަން

އުއްތަމަ ފަނޑިޔަރާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކަށް ނަސޭހަތްތެރިވުމަށް ނިންމައިފި

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކަށް ނަސޭހަތްތެރިވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ތަހުގީގުކުރުމަށްފަހު ތަހުގީގު ރިޕޯޓުގައި ހުށަހަޅާފައިވަނީ ތިން ފަނޑިޔާރުންނަށް ނަސޭހަތްތެރިވުމަށެވެ.

އެ ތިން ފަނޑިޔާރުންނާ ގުޅޭ ރިޕޯޓު ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ އެ ކޮމިޝަނަށް ހުށަހަޅައިފައެވެ. އަދި މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ ތަހުގީގު ރިޕޯޓު، ބަލައިގަތުމަށް ޖޭއެސްސީން ވަނީ ނިންމައިފައެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތްތެރިވާން ނިންމި ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ ފަދައިން ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު އެ ތިން ފަނޑިޔާރުންނަށް ދިނުމަށް ޖޭއެސްސީން ވަނީ ނިންމައިފައެވެ.

ތިން ފަނޑިޔާރުންގެ މައްސަލަ ބެލުމަށް އެކުލަވައިލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި ކޮމިޝަންގެ މެމްބަރު އަދި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުއާއި ކޮމިޝަންގެ މެމްބަރު ހިސާން ހުސައިންއާއި ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހީމާއި ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅާއި ކޮމިޝަންގެ މެމްބަރު އަބްދުލް ހަންނާން އަހްމަދުގެ އިތުރުން ކޮމިޝަންގެ މެމްބަރު ޑރ. އަލީ ޝަމީމެވެ.

އެނގިފައިވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގު ކުރާ އެއް މައްސަލައަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް ދަރަނި އަދާނުކޮށްގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ ހުރިހާ ލިޔުންތަކެއް ސުޕްރީމް ކޯޓުން ގެންދިޔަ މައްސަލައެވެ.