ޝަހީދާ އަބްދުﷲ ސައީދު
ވުޖޫދުގައި ނެތް ކުންފުންޏަކަށް ކުރީ ސަރުކާރުން މާލެ އަތޮޅުން ފަޅެއް ދިން މައްސަލައެއް ޓޫރިޒަމް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ''ސަނީ ހޯލްޑިންގް'' ކިޔާ ކުންފުންޏަކަށް ކުރީގެ ސަރުކާރުން ފަޅެއް ދޫކުރި އިރު އެކުންފުންޏަކީ އޭރު އުފައްދާފައި ނުވާ ކުންފުންޏެއް ކަމަށެވެ.
އަދި ''ސަނީ ހޯލްޑިންގް'' ކިޔާ ކުންފުންޏެއް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައި ރަޖިސްޓްރީކޮށްފައި ނުވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ އެކުންފުންޏަށް ފަޅު ދިނުމަށް ލަފާދެއްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ކަމަށާއި ބަންޑާރަ ނައިބުގެ ލަފައަކާ އެއްގޮތަށް ފަޅު ކުއްޔަށް ދިނުމުން އެކަންކުރި ފަރާތް ކުށްވެރިނުވާނެ ކަމަށެވެ. ނަމަވެސް އެމައްސަލައިގައި މިހާރުގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ ލަފާ ހޯދަމުންދާކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރިސޯޓު ހަދަން ރަށްތަކާއި ފަޅުތައް ދޫކުރި އިރު 53 ރަށެއް ދޫކުރި މައްސަލައިގައި ބައެއް ރަށްތަކުގެ މުއާމަލާތްތައް މިހާރު ވަނީ ހުއްޓައިލާފައެވެ.