ޚަބަރު

ދިޔަވަމުން ދިޔަ ބޯޓު ކޯސްޓުގާޑުގެ އެހީގައި ދިއްގަރު ފަޅަށް ވައްދައިފި

އާނިފާ ހުސެއިން ސިރާޖް

ވ. ވައްޓަރު ބޭރުން ދަތުރުކުރްމުން ދިޔަ ބޯޓެއް ދިޔަވާ ކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮއާޑޮރުން އެހީތެރިކަން ފޯރުކޮށްދެން ފަށައިފިއެވެ.

މި ބޯޓް ދަތުރުކުރަމުން ދިޔައީ މާލެ އިން ފުރައިގެން ލާމު އަތޮޅަށެވެ.

ބޯޓުގެ ދިޔަ ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް ކޯސްޓް ގާޑްގެ ސިފައިިން ދަނީ ޕަމްޕް ބޭނުން ކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ބޯޓު މިހާރު އޮތީ މ.ދިއްގަރުގެ 5 މޭލު ބޭރުގައެވެ. ވައްޓަރު ބޭރުން 14 މީހުންނާއެކު ދަތުރުކުރަމުން ދިޔައީ "ނީލްވިލާ" ނަމަކަށް ކިޔާ ބޯޓެކެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދުގެ 13:52 ގައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ތ.ވަންދޫއިން ފުރައިގެން ދ.ކުދަހުވަދޫ އަށް ދަތުރުކުރި 22 ފޫޓުގެ "ރެހެންދި"ނަމަކަށް ކިޔާ ޑިންގީ އަކަށް ދިޔަވަމުންދާތީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި "ރެހެންދި" މިހާރު ދަނީ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ކުޑަހުވަދޫ އަށް ދަތުރުކުރަމުންނެވެ.