ފުވައްމުލަކު ސިޓީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައާ ގުޅިގެން 21 އަހަރުގެ މީހަކާއި 15 އަހަރުގެ ކުއްޖެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޒުވާނަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން އެ މީހާ އާއި ކުއްޖާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އުމުރުން 18 އަހަރުގެ އަހުމަދު އިނާން ގަޔަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ އޭނާ ގެއެއްގެ ތެރޭގައި ހުއްޓާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އޭނާގެ ބޮލުގެ ފަސް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އޭނާގެ ބޮލުގެ ފަސް ތަނުން ފަޅައިގެން ގޮސްފައި ހުރި ކަމަށެވެ. އޭގެ އިތުރުން އަތާއި ފައިގެ އެކި ތަންތަނަށް ވަޅި ހަރާފައިވާތީ ގިނަ އަދަދެއްގެ ލޭ ފައިބާފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
އޭނާގެ ހާލު ސީރިއަސް އިރު އިތުރު ފަރުވާ ދިނުމަށް މިއަދު މާލެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.